05 Sep 2019, 21:55
ގދ. ތިނަދޫގައި މަގުމަތިން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ހަތަރު އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ތިނަދޫ ރޯޝަނީ މަގުގައި ހުރި ގެއަކުން ހަތަރު އަހަރުގެ ކުޑަކުއްޖަކު މަގުމައްޗަށް ނުކުމެ އުޅެނިކޮށް، މަގުމަތިން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެ ކުޑަކުއްޖާއަށް އަނިޔާވެފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 17:13 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
"އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު މޫނުމަތީގައި އެކިވަރުގެ ޒަހަމްތައް ހުރި ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ދީފައިވޭ. އަދި ކުއްޖާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ކުއްޖާ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ލައިސެންސް ހިފަހައްޓައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.