ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހާޒިރުވާ ފުލުހުން ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ފުލުހުން ކޮމިޓީއަށް ހާޒިރު ކުރަން ތާވަލުކޮށްފައި ވަނީ މިރޭ 8:45 އަކަށެވެ. ފުލުހުން އެ ކޮމިޓީއަށް ހާޒިރު ކުރަނީ ފުލުހުން އިސްނަގައިގެން އެކަމަށް އެދުމުންނެވެ.

މި ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ނިންމާފައިވާ ކަމަށް މިރޭ މަޖިލީހުން ވަނީ އަންގައިފަ އެވެ. އެގޮތަށް ނިންމީ ފުލުހުންގެ އެދުމުގެ މަތިން ކަމަށް މަޖިލީހުން ބުނެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި މަރުތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް 241 އަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައި ވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ރިޕޯޓުގައިވާގޮތުން ރިލްވާން މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ބްރާންޗުންނެވެ.