ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއިން ބައިނަލްއަގުވާމީ ފްރީޑައިވިން ރެކޯޑު މުގުރާލުމަށް ތައްޔާރުވެއްޖެ އެވެ.

އެކަން ކުރުމަށް ނިންމާފައިވަނީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިންނެވެ.

އިއްްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފްރީ ޑައިވިން ރެކޯޑް ގާއިމުކުރުމުގެ މަސައްކަތްކުރާނީ ބަރޮސް މޯލްޑިވްސްގެ ފަޅުގައި ކަމަށެވެ.

މި މަހުގެ 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި ރާއްޖެއިން އެ ރިކޯޑު ގާއިމުކުރުމަށްޓަކައި 500 ފްރީ ޑައިވަރުން ބައިވެރިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ރިކޯޑަކީ ދުނިޔޭގައި އެއްފަހަރާ އެންމެ ގިނަ ފްރީ ޑައިވަރުން ބައިވެރިވާނެ ހަރަކާތް ކަމަށާއި މީގެކުރީން އެ ރިކޯޑު ގާއިމުކޮށްފައިވަނީ 200 ފްރީ ޑައިވަރުންނާއެކުގައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އެ ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިން ޗެމްޕިއަނެއް ކަމަށްވާ ވިލިއަމް ޓްރޫބްރިޖް ބައިވެރިވާނެ ކަމަށެވެ.