އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުން: އަހުމަދު ނާއިފް


ސާކުގެ ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި ތައުލީމާއި ޑިޒާސްޓާ މެނޭޖްމެންޓާއި ދަތުރުފަތުރުގެ ދާއިރާ އިން މުހިންމު އެއްބަސްވުންތަކަކަށް މިއަދު އާދެވިއްޖެ އެވެ.

އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ ސާކުގެ ސްޓޭންޑިން ކޮމެޓީގެ 39 ވަނަ ސެޝަންއަށް ފަހު އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ކޮމެޓީ ޗެއާކުރައްވާ ދިވެހި ހާރިޖިއްޔާގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ނަސީރު މިއަދު ވިދާޅުވީ މެންބަރު ގައުމުތަކުގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގުމަށް ފަހު ވެސް މުހިންމު އެއްބަސްވުންތަކަކަށް އާދެވިފައި ވަނީ ޑިޒާސްޓާ މެނޭޖްމަންޓުގެ ދާއިރާ އިން އެއްބާރުލުން ދިނުމަށާއި ވިޔަފާރީގެ ރޮނގުން، މިނިވަން ވިޔަފާރިއަކަށް މަގުފަހިކުރުމަށް ޓެރިފު ނެގޭ ގޮތްތަކަށް ބަދަލުތަކެއް ގެނައުމަށާއި ދަތުރުފަތުރުގެ ދާއިރާ އިން ފެރީ ނިޒާމެއް ގާއިމް ކުރުމަށާއި ތައުލީމުގެ ދާއިރާ އިން ސައުތު އޭޝިޔަން ޔުނިވާސިޓީން ކޮންމެ އަހަރަކު 200 އަށް ވުރެ ގިނަ ކުދިންނަށް ތައުލީމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ.

"މީގެ ބައެއް ކަންތައްތަކަށް އެއްބަސްވުމުގައި ވަރަށް ހޫނު ބަހުސްތައް ވެސް ދިޔަ. ވަކިން އިށީންދެގެން ވެސް ބައެއް ކަންތައްތަކަށް އެއްބަސްވުމަކަށް އާދެވުނު. މިއިން މި ދައްކައިދެނީ ކުޑަ ގައުމަކުން ވެސް މުހިންމު ކަންކަމުގައި އިސްނެގީމާ ވެސް ކުރިއެރުން ލިބިގެންދާކަން،" ނަސީރު ވިދާޅުވި އެވެ.

އެއްބަސްވެވުނު ކަންތައްތަކާ މެދު މަދަމާ ބާއްވާ ކައުންސިލް އޮފް މިނިސްޓާގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ރާއްޖެ އިން އެންމެ ބޮޑަށް ބާރުއެޅީ ޕާކިސްތާނާއި އިންޑިޔާ އަދި ރާއްޖޭގެ ދެމެދު ގާއިމް ކުރަން މަސައްކަތްކުރާ ކާގޯ ޕެސެންޖާ ފެރީގެ ނިޒާމު އަވަސްކުރުމަށާއި ސާކުގެ ރެއިލްވޭގެ އެގްރިމެންޓުގައި ސޮއި ކުރުމަށް ކަމަށެވެ. ރެއިލްވޭ އެގްރިމެންޓާ އެކު ޖުމްލަ ހަތަރު އެގްރިމެންޓެއްގައި ސޮއި ކުރުމަށް ސްޓޭންޑިން ކޮމެޓީން ނިންމި އެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ގޮތެއް ނިންމާނީ މާދަމާ ބާއްވާ ކައުންސިލް އޮފް މިނިސްޓާޒްގެ ބައްދަލުވުމަށް ފަހު އެވެ. އެ އެގްރިމެންޓްތަކުގެ އިތުރު ތަފްސީލެއް ނަސީރު ނުދެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ސާކުގެ އޮބްޒާވަރު ގައުމުތަކުގެ އަދަދު އިތުރުކޮށް ތުރުކީ އޮބްޒާވަރެއްގެ ގޮތުގައި ހަމަޖެއްސުމަށް ރާއްޖެ އިން ވަކާލާތު ކުރިކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ރާއްޖެ އިން ބޭނުން ވަނީ ސާކުގެ އޮބްޒާވަރުންނަށް ވީހާ ވެސް ބޮޑަކަށް ސާކުން ކުރާކަންތައްތައް ހުޅުވާލައިގެން ގެންދަން. އެހެންވެ އަޅުގަނޑުމެން އެކަމަށް ބާރުއެޅީ،" ނަސީރު ވިދާޅުވި އެވެ.

ސާކުގެ އޮބްޒާވަރުންގެ ގޮތުގައި މިހާރު ތިބެނީ ޔޫރަޕިއަން ޔޫނިއަން އާއި މޮރިޝަސް، އޮސްޓްރޭލިއާ، ޗައިނާ، އީރާން، ޖަޕާން، އެމެރިކާ، ދެކުނު ކޮރެއާ، އަދި މިޔަންމާ އެވެ.

މިއަދު އެއްބަސްވި އެހެން ކަންތައްތަކަށް ބަލާ އިރު ސާކުގެ ގައުމުތަކުގެ ޓްރޭޑް އަދި ޓޫރިޒަމް ފެއާއެއް އަންނަ ޖުލައި މަހު އައްޑޫގެ އީކުއެ ޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ބޭއްވުމަށް ވެސް ނިންމާފައިވެ އެވެ. އަދި ޑުރަގާއި ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ލަންކާ އިން ގެންގުޅޭ މެކޭނިޒަމްއަށް އަމަލުކުރުމަށް ވެސް ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ. ވިޔަފާރީގެ ރޮނގުން އިންވެސްޓްމަންޓްތައް ހިމާޔަތްކުރާ އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރި އެވެ. އަދި ސާކުގެ އެޕެކްސް ބޮޑީއެއްގެ ގޮތުގައި، ސައުތް އޭޝިއަން އިނީޝިއޭޓިވް ޓު އެންޑް ވައެލޮންސް އަގެއިންސްޓް ޗިލްޑްރަން ވެސް ވަނީ ހަމަޖައްސާފަ އެވެ.

ނަސީރު ވިދާޅުވީ މިއަދުގެ މަޝްވަރާތަކުގެ އަލީގައި މާދަމާ ބައްވާ ކައުންސިލް އޮފް މިނިސްޓާޒްގެ ބައްދަލުވުމަށް ހުށަހެޅާ ސަތާރަ ވަނަ ސާކު ސަމިޓުގެ ޑެކްލަރޭޝަންގެ ޑުރާފްޓާ މެދު މިރޭ އެއްބަސް ވުމަކަށް އާދެވޭނެ ކަމަށެވެ.

މާދަމާ ފަށާ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމަކީ ސާކުގެ ގައުމުތަކުގެ ހާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުން ގައުމުތަކުގެ މެދުގައި އަލަށް އެއްބަސްވާނެ ކަންތައްތައް ނިންމާނެ އެވެ.