ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި އެ މައްސަލަ ތަހުގީގުކުރި ރިޔާސީ ކޮމިޝަނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ބައްދަލުކުރައްވައިފިއެވެ.

ފުލުހުން މިއަދު ބުނީ ސީޕީ ހަމީދު، ޕީޖީ ބިޝާމް އަދި ރިޔާސީ ކޮމިޝަނުގެ މެމްބަރުން ބޭއްވި ބައްދަލުވުމުގައި، ރިލްވާން މައްސަލައިގައި ހޯދާފައިވާ ހޯދުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި މަރުތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް މިހާރު ވަނީ ފޮނުވައިފައެވެ.

ރިލްވާންގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް މިރޭ 241 ކޮމިޓީއަށް ފުލުހުންނާއި ޕީޖީއާއި މަރު ކޮމިޝަންވެސް ހާޒިރު ކުރާނެއެވެ.

ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލު ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ.

އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައި ވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. ރިޕޯޓުގައިވާގޮތުން އެކަން ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ބްރާންޗުންނެވެ.