05 Sep 2019, 18:54
ނަވާރަވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ދައުރާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ފުރަތަމަ ދައުރަށް ދެއްވަނީ "ބީ ޕްލަސް"އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނީ މިއަދުއެވެ. މިއަދު ޗުއްޓީއަށް ދިޔައީ ދައުރަށް ހަފުތާއެއް އިތުރުވެސްކޮށް މަސައްކަތް ކުރުމަށްފަހުއެވެ.
ފުރަތަމަ ދައުރާ ގުޅޭ ގޮތުން މައުލޫމަތު ދެއްވުމަށް މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އީދު ބަންދަށް މަޖިލީހުގެ ދެ ހަފްތާއަށް މަސައްކަތް މެދުކެނޑުނު ކަމަށާއި އަދި ފުރަތަމަ ދައުރުވުމުން ބިލްތައް އަންނަން ފެށުން ލަސްވެގެން ދިޔަ ކަމަށެވެ. ނަމަވެސް ޖުމްލަކޮށް ދައުރުގައި ކުރެވުނު މަސައްކަތްތަކަށް ހިތްހަަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ޖުމްލަކޮށް އަޅުގަނޑު މި ދައުރާ ދޭތެރޭގައި ބީ ޕްލަސްއެއްގެ ގޮތުގައި މި ދެކެނީ. [ނަމަވެސް] އަދި އެބައޮތް އަޅުގަނޑަށްވެސް މެމްބަރުންނަށްވެސް ސެކްރެޓޭރިއެޓަރަށްވެސް މިއަންނަ ދައުރު ކިތަންމެހާ ތަނެއް ރަނގަޅު ކުރެވެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ: މަޖިލިސް މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވި --- ފޮޓޯ/ މަޖިލިސް
ރައީސް ނަޝީދު ވިދާޅުވީ، ދެވަނަ ދައުރުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއަކަށް އަދި ކޮންމެ މަހަކު ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތާވަލެއް ހަދާފައިވާ ކަމަށެވެ.
"މަޖިލީހެއް ހިންގަން އަޅުގަނޑަށް އެންމެ ރަނގަޅު ގޮތަކީ، މަދަރުސާއެއް ހިންގާ ގޮތަށް މަޖިލިސް ހިންގުން. ޓާމް ފަށާއިރު، ޓާމްގެ ޓައިމްޓޭބަލް ރީތިކޮށް ސާފުކޮށް، ހުރިހާ ދަރުވަރުންނަށް، ހުރިހާ އިއްޒަތްތެރި މަޖިލިސް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ދެވަނަ ދައުރުގައި އެންމެ ފުރަތަމަ ރޭވައިފައިވަނީ، ލާމަރުކަޒީ ގަނޫނުގެ މަސައްކަތައް ކަމަށެވެ. އެ ގާނޫނަކީ، ވަރަށް މުހިންމު ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ދެވަނަ ދައުރުގައި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްވެސް ފެށިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ނިމިގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.
ފުރަތަމަ ދައުރުގައި ކުރެއްވި މަސައްކަތްތައް ނަމްބަރުތަކުން:
- 31 ބިލެއް ހުށަހެޅުނު؛ 14 ބިލެއް ނިމިފައި.
- 21 ގަރާރެއް ހުށަހެޅުނު؛ 9 ގަރާރެއް ނިމިފައި.
- 15 މައްސަލައެއް ސަރުކާރުން ހުށަހެޅި؛ 12 މައްސަލައެއް ނިމިފައި.
- 22 މައްސަލައެއް ރިޔާސަތުން ހުށަހެޅުނު؛ 17 މައްސަލައެއް ނިމިފައި.
- 9 މައްސަލައެއް މެމްބަރުން ހުށަހެޅި؛ 9 މައްސަލައެއް ނިމިފައި.
- 39 އެހެނިހެން މައްސަލަތަކުގެ ރިޕޯޓު؛ 35 މައްސަލައެއް ނިމިފައި.
- 20 ފަހަރަށް މިނިސްޓަރުންނާ ސުވާލުކުރަން އެދުނު؛ 14 ފަހަރު ސުވާލު ކުރެވިިފައި.
ފުރަތަމަ ދައުރު މިއަދު ނިންމާލީ 47 ޖަލްސާއެއް ބާއްވާފައެވެ. މަޖިލިސް މިއަދު ޗުއްޓީއަށް ދިޔަ ނަމަވެސް ރިޔާސީ ކޮމިޝަނުން ހުށަހެޅި ތަހުގީގު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.