މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި މަރުތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވަން ފާސްކޮށްފި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިލްވާނުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު، ރިޕޯޓު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ބާއްވާފައި ވާއިރު ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތް މުޅި ޗުއްޓީގެ ހުރިހާ ދުވަހެއްގައިވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ގޮތަށް ވަނީ ފާސްކޮށްފައެވެ.

ސެޕްޓެމްބަރު މަސް ނިމެންދެން 241 ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރިލްވާންގެ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމުމަށެވެ.

އެ ރިޕޯޓުގެ ބަހުސްގެ ތެރެއިން ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އިއްޔެ ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

  • ހިސާންގެ ހުށަހެޅުންތައް
    މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރިޕޯޓު ދިރާސާކުރުމަށްފަހު ފުލުހުންގެ ގާނޫނާއި އަދިވެސް ކަމާ ގުޅޭ އެހެން ގާނޫނުތައް ދިރާސާކޮށް އެ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ފާހަގަކޮށް އެ އިސްލާހުތައް ގެނައުން.

  • މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމައްޓަކައި އެކަމަށް ހާއްސަ އިޖުރާއަތުތައް ކަނޑައަޅައި އެ އިޖުރާއަތުތައް ގާނޫނުގެ ސިފައިގައި ގެނައުން.
  • މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ކުރިއަށްދާ ގޮތާއި މިންވަރު ބަލައި އެކަންކަން ދިރާސާކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ހިމެނޭ ޓާސްކްފޯސްއެއް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެކުލަވާލުން.

ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލު ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައި ވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމު ކުރި އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ވާގޮތުން އޭނާ ރަހީނުކޮށްގެން ގެންގޮސް ކަނޑު ފައްތާ މަރާލީ ދީނީ ހަރުކަށި ފިކުރުގެ އަލްގައިދާއަށް ނިސްބަތްވާ ދިވެހިންތެކެކެވެ.