05 Sep 2019, 17:50
މަސްވެރިންނާއި އާންމު މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުށަހެޅި ހިޔާލުތަކާ އެއްގޮތަށް މަސްވެރިކަމާ ބެހޭ ބިލު މަސްވެރިންނަށް ފަހިވާ ގޮތަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފި އެވެ.
މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.
މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅި އިރު މަސްވެރިންނާއި މެމްބަރުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުއްޓެވެ. ނަމަވެސް އެ ބިލު އިގްތިސާދީ ކޮމިޓީއިން ގެނައި ބޮޑު ބަދަލާއެކު ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.
މަސްވެރިންނާ ގުޅުން ހުރި އަދި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް ބިލަށް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ގޭދޮށު މަސްފެކްޓްރީ އެޅުމަށް ފަހިވާނެ ކަންކަމުގެ ތަފްސީލު ބިލުގައި ވަނީ ހިމަނާފަ އެވެ.
ގޭދޮށު މަސްފެކްޓްރީގެ 55 ޕަސެންޓް ދިވެހިނަށް
މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާ ގޭދޮށު މަސް ފެކްޓްރީތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން 55 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމަށް ހަދަން މަސްވެރިކަމުގެ ބިލުގައި ވަނީ ހިމަނާފަ އެވެ.
ބިލުގައި ބުނެފައިވާގޮތުން ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް ހުއްދަ ދޫކުރެވޭނީ ހަމައެކަނި މީހުން ދިރިއުޅޭ ރަށްރަށުގައި އެފަދަ ފެކްޓްރީތައް ގާއިމް ކުރުމަށެވެ. މަސްފެކްޓްރީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި އިންޑަސްޓްރިއަލް ފެންވަރުގައި މަސް ޕްރޮސެސް ކުރާ ތަންތަން ގާއިމް ކުރެވޭނެ ކަމަށް މަސްވެރިކަމުގެ ބިލުގައި ބުނެފައިވެ އެވެ.
ގޭދޮށު މަސްފެކްޓްރީ ހަދަން ހުއްދަ ދޫކުރެވޭނީ ގިންތި ކުރެވިގެން ކަަމަށް މަސްވެރިކަމުގެ ބިލުގައި ބުނެފައިވެ އެވެ.
މަސްފެކްޓްރީ ގިންތި ކުރެވޭ ގޮތް
- ދުވާލަކު ފަސް ޓަނަށް ވުރެ މަދުން މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި
- ދުވާލަކު ފަސް ޓަނާއި 10 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި
- ދުވާލަކު 10 ޓަނަށް ވުރެ ގިނަ އަދަދަކަށް މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި
ގިންތިއަށް ބަލައި ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރަން ހުއްދަ ދޫކުރާއިރު ބަލަންޖެހޭ އެހެން ކަންކަންވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން އެ ފެކްޓްރީއަކަށް ބޭނުންކުރާނެ ހަކަތައިގެ މިންވަރާއި އެ ފްކްޓްރީއަކުން ބޭނުންކުރާނެ ފެނުގެ މިންވަރު އަދި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި ފެކްޓްރީގެ ކެޕިޓަލް ހަރަދު ރިކަރަންޓް ހަރަދަށްވެސް ބަލަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ
ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް ބޭނުންވާނެ ބިން ރަށު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެރަށެއްގެ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުން ދޫކުރަން ވާނެ ކަމަށް މަސްވެރިކަމުގެ ބިލުގައި ވަނީ ބުނެފަ އެވެ. މަސްފެކްޓްރީތަކުގެ ސާފު ތާހިރުކަން ބަހައްޓަންޖެހޭ މިންވަރު ކަނޑައަޅައި ސާފުތާއިރުތޯ ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ.
މަސްވެރިކަމުގެ ކޮލެޖެއް ހަދަން ގާނޫނުން ލާޒިމު ކުރަނީ
މަސްވެރިކަމުގައި ބިލު މަޖިލީހުން ފާސްކުރި އިރު މަސްވެރިކަމާ ގުޅުންހުރި ކަންކަން ކިޔަވައި ދިނުމަށް ކޮލެޖެއް ހަދަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އެއީ މަސްވެރިކަމުގެ ތައުލީމާއި ތަމްރީނު ހޯދައި ދިނުމަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
"މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ކުރިއަރުވައި އެ ސިނާއަތުގެ ތައުލީމާއި ތަމްރީނު ޒަމާނާ އެއްގޮތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި މަސްވެރިކަމާ ގުޅޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމްކޮށް ތަރައްގީ ކުރަން ވާނެ އެވެ." މަސްވެރިކަމުގެ ބިލުގެ 11 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
މަސްވެރިންނަށް ޕެންޝަން
ދިވެހި މަސްވެރިންނަށް ޕެންޝަނަކާއި އެކު ޑިސްއޭބިލިޓީ އިންޝުއަރެންސް ލިބިދެވޭ ގޮތަށްވެސް މަސްވެރިންގެ ބިލަށް މަޖިލީހުން ބަދަލުތަކެއް ގެނަ އެވެ. ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ މަސްވެރިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
"މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ފަރާތްތަކަށް ހައްގުވެގެންވާ އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމަށްޓަކައި މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދެވޭ ސްކީމެއް. މިނިސްޓްރީގެ މަޝްވަރާގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެކުލަވާލަން ވާނެ އެވެ،" މަސްވެރިންގެ ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވެ އެވެ.