ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 39 އަހަރު ފަހުން ޗައިނާގެ އެމްބަސީއެއް ފުރަތަމަ ފަހަރަށް މިއަދު ރާއްޖޭގައި ހުޅުވައިފި އެވެ. ޗައިނާގެ އެމްބަސީ ވަގުތީ ގޮތުން ހިންގާނީ މއ. ކެނެރީ ލޮޖްގަ އެވެ.

ޓްރޭޑާސް ހޮޓަލުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި ޗައިނާގެ އެމްބަސީ ހުޅުއްވައިދެއްވީ ސްޕެޝަލް އެންވޯއީ އޮފް ޕްރެޒިޑެންޓް، ނިޝާން އިއްޒުއްދީނުގެ އިތްޒަތްރި ވެރިޔާ އިބުރާހީމް ހުސެން ޒަކީ (ނޢޢވ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ޗައިނާގެ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް ޒެން ޒީޖުންއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ވައިސް މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޒެން ޒީޖުން ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށެވެ. ވިދާޅުވީ މީލާދީން 15 ވަނަ ގަރުނުގައި ވެސް ރާއްޖެއާއި ޗައިނާއާ ދެމެދު ގާތް ގުޅުން އޮތްކަން ތާރީހީ ފަތްފުށްތަކުން އެނގޭ ކަމަށެވެ.

ޗައިނާ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބުރާހިމް ހުސެން ޒަކީ ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ގައުމެއް ކަމަށާއި ޗައިނާއިން ރާއްޖެއަށް ވެދޭ އެހީ ރާއްޖެއިން އަބަދުވެސް ފާހަގަ ކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތާއި ގައުމީ ދާރުލް އާސާރު އަބަދުވެސް ދެމިހުންނާނީ ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ބިނާތަކެއްގެ ގޮތުގައި ކަމަށް އިޝާރާތް ކުރައްވާ ޗައިނާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުން ނަމުގައި ޒަކީ ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޔޫ ހޮންޔާއޯ އާއި އެ އެމްބަސީގެ މުވައްޒަފުންގެ އިތުރުން ދިވެހި ސަރުކާރުގެ ބައެއް އިސް ފަރާތްތައް ބައިވެރިވަޑައިގެންނެވިއެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ރާއްޖޭގެ އެއާލައިނަކާއި ޗައިނާގެ އެއާލައިނަކުން ވަނީ ދާދި ފަހުން ފަށާފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ގާއިމް ކުރީ 1972 ވަނަ އަހަރުއެވެ.