މިމަހުގެ 7-11 މައްކާގައި ބައްވާ ގުުރުއާން މުބާރާތުގައި ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ހޯދި 13 އަހަރުގެ ހާފިޒް މުސްތަފާ މުހައްމަދު ބައިވެރިވެއްޖެ އެވެ.

ކިންގް އަބްދުލް އަޒީޒް ގުރުއާން މުބާރާތުގައި ރާއްޖެއިން ދެ ދަރިވަރުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި މުސްތަފާގެ އިތުރުން ތ. ގުރައިދޫ އިރުދޭމާގޭ ހަސަން އާހިލް ވެސް ބައިވެރިވެ އެވެ.

ހާފިޒް މުސްތަފާ ގިނަ ބައެއްގެ ސަމާލުކަން ހޯދީ އުމުރުން އެންމެ 11 އަހަރުގައި ގުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކުރުމުންނެވެ. އޭގެ އިތުރުން އޭނާ ވަނީ ބ. އޭދަފުށި ހުކުރު މިސްކިތުގައި ހުކުރު ނަމާދާއި ތަރާވީހް ނަމާދުވެސްކޮށްފަ އެވެ.

މުސްތަފާ މިހާރު ދަނީ އިންޑިއާގައި ގުރުއާންގެ ދާއިރާއިން ތައުލީމް ވެސް ހާސިލް ކުރަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވި ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ވެސް ބައިވެރިވެފަ އެވެ.

މައްކާގައި ބާއްވާ ގުރުުއާން މުބާރާތުގައި ބައިވެރިވާ ދެ ދަރިވަރުންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އިއްޔެ ބައްދަލު ވެސް ކުރައްވައިފަ އެވެ.

އެ މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ވެސް ވަނީ ބައިވެލައްވަ އެވެ.