05 Sep 2019, 15:40
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އަދި ހައިކޯޓްގެ ހަތަރު ފަނޑިޔާރަކު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީއިން އިއުލާން ކުރީ އެ ކޯޓްގެ ފަނޑިޔާރަކަށް ހުންނެވި، އަބްދުﷲ ދީދީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސުލޫކީ މައްސަލައެއްގައި އެ މަގާމުން ދުރުކުރުމުން އެވެ.
އެ މުއްދަތު ހަމަވީ މިއަދު މެންދުރު 12:00 އަށެވެ.
ދިޔާނާގެ އިތުރުން ދެން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސިވިލް ކޯޓްގެ ކުރީގެ ގާޒީ އަދި ޑެޕިއުޓީ ޕީޖީކަން ކުރެއްވި މަރިޔަމް ނިހާޔަތާއި ހައިކޯޓްގެ ހަތަރު ފަނޑިޔާރެކެވެ. ޖުމްލަ ހަ ބޭފުޅުން އެވެ.
ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ، އަލީ ސަމީރާއި އެ ކޯޓްގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އެ ކޯޓްގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީ އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އިސްލާހުކޮށް ހަތަކަށް އިތުރުކޮށް ސުޕްރީމް ކޯޓަށް ކުރިމަތިލާން މީގެ ކުރިން ހުޅުވާލުމުން ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ކުރިމަތިލެއްވި އެވެ.
ސުޕްރީމް ކޯޓްގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވަނީ ޑްރަގް ކޯޓްގެ ގާޒީ މަހާޒް އަލީ ޒާހިރު އެވެ. އެ ނަމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް ވަނީ މިއަދު އެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވައިފަ އެވެ.