ފުވައްމުލަކު "ޒަމާނީ" ބަށި މުބާރާތުގެ ފައިނަލް މެޗްގައި މިއަދު ސަޕޯޓަރުންގެ ބަޔަކު ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގައިފި އެވެ. މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ޓީމެއްގެ ކޯޗަކު ވެސް ހައްޔަރުކޮށްފި އެވެ.

ސަންގެ ޕާޓްނާޝިޕް އޮންލައިން ނޫސް، ފުވައްމުލަކު "ކައްޓެޅީ"ގެ މުހައްމަދު ތޯރިގު އަހުމަދު ބުނީ ފުވައްމުލަކު ރަސްމީ ދަނޑުގައި ކުޅުނު ބަށި ފައިނަލް ހޫނުވެ، މާރާމާރީއަކަށް ބަދަލުވީ މެޗް އެއްވަރުވެ، އިތުރު މިނިޓްގައި ކުޅެން ޖެހުމުން އެއް ޓީމް ކުޅެން ކޯޓަށް ނޭރި ހިސާބުން ކަމަށެވެ.

ފައިނަލްގައި ކުޅުނީ މިސްކިތް މަގު "މަލަކާ" އާއި ދިގުވާނޑުގެ "ކަމަނަ" އެވެ. މައްސަލަ އުފެދުނީ ކަމަނަ ކުޅެން ނޭރުމުން މަލަކާ ޓީމުގެ ކޯޗު އިބްރާހިމް މުސްތަފާ (ޖޯ) މެޗުގެ އޮފިޝަލުންނާ ދިމާލަށް ދިޔަ ހިސާބުން ފުލުހުން އޭނާ ދުރު ކުރަން އުޅުމުންނެވެ. އެވަގުތު ކަމަނަގެ ސަޕޯޓަރުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގީ ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ.

"ޖޯ، އޮފިޝަލް މޭޒުގައިރީގައި ހުއްޓާ ފުލުހުން އޭނާ އެއްފަރާތަކަށް ގެންގޮސް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނީ. އެ ހިސާބުން ހަމަނުޖެހުމަކަށް ބަދަލުވެ ފުލުހުންނާއި އާމުންނާ ދެމެދު މާރާމާރީއެއް ހިނގާފައި ވަނީ،" ތޯރިގު ބުންޏެވެ.

އޭނާ ބުނީ މާރާމާރީގައި މީހަކަށް އަނިޔާވެގެން އަތްދަނޑި މަތީގައި ގެންދިޔަ މަންޒަރު ފެނުނު ކަމަށާއި ނަމަވެސް އޭނާއަށް ވީގޮތް އޮޅުން ފިލާފައި ނުވާ ކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހި އެ ހަމަނުޖެހުމުގެ ތެރޭގައި މީހަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނެވެ. މާރާމާރީގައި މީހަކަށް އަނިޔާވެގެން ފަރުވާދޭތޯ ބެލުމަށް ޏ. އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު އަރީފަށް ގުޅުމުން ފޯން ނުނަންގަވާތީ ތަފްސީލު ލިބޭ ގޮތެއް ނުވި އެވެ. (ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުން މީޑިއާއަށް މައުލޫމާތު ދިނުން އޮންނަނީ މަނާކޮށްފަ އެވެ)


ފުލުހުން ބުނީ މިއަދު ހިނގި މާރާމާރީގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ތަފްސީލް ފަހުން ދޭނެ ކަމަށެވެ.
މިއަދު ހިނގި ހަމަނުޖުމަށް ފަހު ޒަމާނީ ބަށި މުބާރާތްގެ ފައިނަލްގެ އިތުރު ވަގުތުގައި ކަމަނަ ޓީމް ކުޅެން ނުނުކުތުމުން ޗެމްޕިއަންކަން ލިބުނީ މިސްކިތް މަގު މަލަކާ އަށެވެ.