ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަތޮޅު ތެރެއަށް ފުރާވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ރައީސް ޔާމީން މާލެއިން ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.

އަތޮޅުތަކަށް ދަތުރު ފެއްޓެވުމުގެ ކުރިން އެއް ނަމްމަބަރު ފާލަމުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ޖަބާވު ދާރީކުރުމަށް އިދިކޮޅުގައި ތިބި ހަމައެކަނި ބަޔަކީ، ޕީޕީއެމްކަން މިހާރު ހާމަވެގެން ގޮސްފައިވާ ކަމަށާއި، އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

"މިއީ ސަރުކާރު ޖަވާބު ދާރީ ކުރުމަށް ކުރާ މަސައްކަތެއް. އެގޮތުން ޕާޓީ ވަރުގަދަ ކުރުމާއެކު ލޯކަލް ކައުންސިލް އިންތިހާބަށް އިރާދަކުރެއްްވިއްޔާ ވީހާވެސް ގިނަ ގޮނޑި ނެގުމަށް ކުރާ ދަތުރެއް، މި ދަތުރަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ. "ލޯކަލް ކައުންސިލްއަށް ވުރެ ބޮޑަށް މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރާ ދަތުރެއް މީ،"

ރައީސް ޔާމީން ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން ވިދާޅުވީ، ދަތުރުގެ ފުރަތަމަ މަންޒިލަކީ، އދ.ގެ ރަށްތައް ކަމަށެވެ. އަދި އދ. ނިންމާލުމަށް ފަހު، އެހެން އަތޮޅަކަށް ދަތުރުކުއްވާނެ ކަމަށެވެ.

"މިފަހަރު މިދަނީ، އދ. މަހިބަދޫއާއި، ކުނބުރުދޫއާއި ދަނގެއްޗަށް. އިރާދަކުރެއްވިއްޔާ އެބުރި އައިސް މިއަންނަ ހަފްތާގައި އެހެން އަތޮޅުތަކަށް ދަތުރު ކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންވާ ޖަމީލު ވިދާޅުވީ، އޭނާ މިހާރު ހުންނެވީ އިދިކޮޅު ކޯލިޝަނާއެކު ކަމަށާއި ރައްޔިތުން ގެނައި ސަރުކާރުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިއަދު ރާއްޖޭގެ އިގްތިސޯދު މިދަނީ ރަނގަޅަށް ކަމަށް. އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގެ ރައްޔިތުންް ވަރަށް ބޮޑަށް ފަގީރު ވެއްޖެ ކަަމަށް، ރާއްޖޭގައި އެވެސް ކަހަލަ ޕްރޮޖެކްޓެއް ނުއެއް ހިނގާ. ރާއްޖޭގެ ގާނޫނުތަކާއި ރާއްޖޭގައި ހިނގާ އެހެން ކަންތައްތައް ބެލި ނަމަވެސް ރައްޔިތުންނަށް ގޮތެއް ނުވެފައި ތިބީ ދެއްތޯ. ވަކި ގޮތަކަށް ކަންތައްތައް ބައްޓަން ކުރުމުންދާތަން ފެންނަނީ. އެކަންތައް ހުއްޓުވުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސަރުކާރު ހިންގާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުު ޖަމީލް ވިދާޅުވި އެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕަޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ މެމްބަރުކަމަށް ވާދަ ކުރެއްވި ޖަމީލު ވިދާޅުވީ، ރައްޔިތުން ތިބީ ގޮތް ހުސްވެފައި ކަމަށާއި އޭނާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ، ރައްޔިތުންނަށް ގޮތެއް ހޯދައިދިނުމަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ މި ދަތުރުފުޅުގައި، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި، ޕީޕީއެމް ޕީއެންސީގެ ލީޑާޝީޕް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައ މަޖިލީހުން ވަނީ ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ވަކިކޮށްފައެވެ. އެކަން ހިނގާފައި ވަނީ ރައީސް ޔާމީނާއި އޭނާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. މަގާމުން ވަކި ކުރުމަށް ފަހި އޭރުގެ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން ޖަމީލް އުޅުއްވީ އިނގިރޭސިވިލާތުގައެވެ.