އަންކަރާ (ސެޕްޓެމްބަރު 5) : ތުރުކީން ނިއުކްލިޔާ ހަތިޔާރު އުފައްދަފާނެތީ އެގައުމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުން ދާކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އިރުމަތީ ރަށެއްކަމަށްވާ ސީވާސްގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ނިއުކްލިޔާ ހަތިޔާރު މޮނޮޕޮލީކޮށް އެއީ އެގައުމުތަކަށް އެކަނި ލިބެންޖެހޭ ހައްގެއް ކަމަށް ހަދައި އެހެންގައުމަކުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ ކުށެއް ކަމަށް ހަދައި އަމިއްލަ އެދުން އިސްކޮށްފަ އެވެ. ނަމަވެސް މިކަން މިގޮތަށް ދެން ނޯންނާނެ ކަމާއި ތޮށިގަނޑު ފަޅާލާފައި އެހެން ގައުމުތަކުން ވެސް އެހައްގު ހޯދާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ދުނިޔޭގެ ބޮޑު ކޮންމެ ގައުމަކުން ވެސް ނިއުކްލިޔާ ހަތިޔާރާއި ނިއުކްލިޔާ ވޯހެޑް ހިމެނޭ ގޮތަށް ގިނަ އަދަދަކަށް މިސައިލް ހަދާފައިވާ އިރު ނިއުކްލިޔާ ހަތިޔާރު ހެދުމަކީ މަނާކަމެއްކަން އެހެން ގައުމުތަކަށް އަންގައި އެގައުމުތަކަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅު އެޅުންފަދަ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ މައްސަލަ އުރުދުޣާން ފާހަގަ ކުރެއްވި އެވެ. މިކަމުގެ ބޭނުމަކީ ބޮޑެތި ގައުމުތަކުން ނިއުކްލިޔާ ހަތިޔާރު މޮނޮޕޮލީކޮށް އެހެންގައުމުތަކަށް ނުލިބޭ ނިއުކްލިޔާ ބާރު އެގައުމުތަކުން ހޯދައިގެން އެހެންގައުމަކަށް ބިރުދެއްކުމުގެ ފުރުސަތު ހޯދުން ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްތިއްމާރީ ބާރެއްކަމަށްވާ އިސްރާއީލުގައި ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް އިޝަރާތް ކުރައްވަމުން އުރުދުޣާންވަނީ ތުރުކީފަދަ ބޮޑުގައުމެއްގައި ނިއުކްލިޔާ ހަތިޔާރު ނެތިފައި އިސްރާއީލު ފަދަ ކުޑަ އަދި އުދުވާނީ ގައުމެއްގައި ނިއުކްލިޔާ ހަތިޔާރު ހުންނަން ޖެހޭ ސަބަބާ އަދި ނިއުކްލިޔާ ހަތިޔާރު އުފެއްދުން މަނާކުރާ މުއާހަދާގައި އިސްރާއީލުން ސޮއިނުކުރާ ސަބަބާމެދު ސުވާލުކުރައްވައިފަ އެވެ.

ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާނެ ވާހަކަ އުރުދުޣާން ފާޅުގައި ވިދާޅުވި ނަމަވެސް އުރުދުޣާންގެ ވެރިކަމުގައި ތުރުކީން ވަނީ ނިއުކްލިޔާ ޕްރޮގްރާމެއް ފަށައިފަ އެވެ.

އެމެރިކާގައި އެތައް ހާސް ނިއުކްލިޔާ ހަތިޔާރު ހުރިއިރު އެމެރިކާ ގެންދަނީ ނިއުކްލިޔާ ހަތިޔާރުނެތް ގައުމެއްކަމަށްވާ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އީރާނަށް ބިރުދައްކައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

އުރުދުޣާން މިމޭރުމުން ވާހަކަ ދެއްކެވިއިރު އޭނާގެ ސަރުކާރުން ގެންދަނީ އެމެރިކާއާ ދުރުވެ އެމެރިކާ އެއްފަރާތްކޮށް ރަޝިއާއެކު އަސްކަރީ އަދި ސްޓްރެޓީޖިކް ގުޅުންތައް ގާއިމް ކުރަން މަސައްކަތް ކުރަމުންނެވެ. އުރުދުޣާން ދާދިފަހުންވަނީ އެމެރިކާގައި އުފައްދާ އެސް 35 މަރުކާގެ ފައިޓާ ޖެޓްގެ ބަދަލުގައި ރަޝިއާގެ ސޮޚޮއި މަރުކާގެ ޒަމާނީ ފައިޓާ ޖެޓް ގަންނާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. މީގެ އިތުރުން ތުރުކީވަނީ އެމެރިކާގެ ޕެޓްރިއޮޓް މަރުކާގެ ދިފާއި ނިޒާމުގެ ބަދަލުގައި ރަޝިޔާގެ އެސް 400 މަރުކާގެ ދިފާއި ނިޒާމުވެސް ގަނެފަ އެވެ. މިމައްސަލާގައި އެމެރިކާ ވަނީ ކަންބޮޑުވެފަ އެވެ. (ނޫސްއެޖެންސީތައް)