އެންމެ ބޮޑު އިންވެސްޓަކީ ދަރީންނަށް ޒަމާނީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނ. މިލަދޫ ސްކޫލުގެ ރަންޔޫބިލްފާހަގަކުރުމުގެ ޖަލްސާގައި ރައީސް މިއަދު ވިދާޅުވީ ކޮންމެ ރަށަކަށް ވެސް މިހާރު ހުރިހާ ވައްތަރެއްގެ ފަންނީ ތަޖުރިބާކާރުން ބޭނުންވާ ކަމަށެވެ.

އެގޮތުން ކޮންމެ ރަށަކަށް ސިއްހީ މަރުކަޒެއް ބޭނުންވާ އިރު ޑޮކްޓަރުންނާއި ނަރުހުންނާއި، އިންޖިނޭރުންނާއި ޓީޗަރުން ވެސް ބޭނުންވާކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

"އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ، ތައުލީމު ކަމަށްވާތީ. ޑޮކްޓަރުންނާއި ނަރުހުންނާއި އިންޖިނޭރުން، އަދި މުދައްރިސުންނާއި ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ، އެފަންނެއްގެ އިލްމު ހާސިލްކޮށްދީގެން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ތަރައްގީވެ ތަހުޒީބްވެފައިވާ މުޖުތަމައުއަކަށް އަޅުގަނޑުމެން ދާން ބޭނުންވާ ނަމަ ކަންކަން އުނގެނި ދަސްކުރުމަކީ އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ ކަަންކަންކަން ރައީިސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެންނަށް ކިތަންމެ މުއްސަނދިކަމަކާއި ވަސީލަތްތަކެއް ލިބިފައިވިޔަސް އިލްމު ހޯދަން އިސްކަން ނުދޭ ނަމަ ތަރައްގީއާ ގާތަށް ވެސް ވާސިލް ނުވެވޭނެ ކަމަށެވެ.

"މި ހަގީގަތްތަކަށް ބަލާ އިރު، މިޖަޒީރާތަކުގެ ތަރައްގީއަށް ޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، މިރާއްޖޭގެ ދަރީންނަށް ޒަމާނީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުން. މައިންބަފައިންނާއި ބެލެނިވެރިން، މިހާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެކަމަށް. ދަރަނިވެރިވެގެން ވެސް އެކަން ފުރިހަމަކުރުމަކީ، ކޮންމެ ބެލެނިވެރިއެއްގެ ވެސް މިހާރުވެސް ވަރަށް ބޮޑު އުފަލެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތައުލީމު ހޯދައިދިނުމަށް ބެލެނިވެރިންގެ ބޮލުގައި ދަރަނި އަޅުވަން ބޭނުންނުވާ ކަމަށާއި އެންމެ ފެންވަރު ރަނގަޅު ތައުލީމެއް ހޯދައިދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.