08 Nov 2011, 19:17
ފުލުހުން ބަންދުކުރި ފެންޓަސީ ބޭކަރީއާއި، ފެންޓަސީ ސްޓޯރު ހުޅުވުމުގެ ކޯޓު އަމުރަކަށް ކޯޓުގައި އެދިއްޖެ އެވެ.
ފެންޓަސީގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު ވިދާޅުވީ ކޯޓު އަމުރަކަށް އެދި އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެފަދަ އަމުރެއް ނެރެދިނުމަށް އެދުނީ ފެންޓަސީ ބޭކަރީ އާއި ސްޓޯރު ފުލުހުން ބަންދުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ ކަމަށެވެ.
ފެންޓަސީ ބޭކަރީ އާއި ސްޓޯރު ބަންދުކުރި މައްސަލައިގައި އެދެ ތަން ހުޅުވުމުގެ އަމުރެއް ހޯދަން ފެންޓަސީން ކޯޓަށް ދިޔައިރު މިއަދު ވަނީ ފެންޓަސީގެ ދިފާއުގައި ކުންފުނިން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ.
ފެންޓަސީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެންޓަސީގެ ޖެނަރަލް މެނޭޖަރު ރީނާ މުހައްމަދު ވިދާޅުވީ ފެންޓަސީ ބޭކަރީ އާއި ސްޓޯރު ބަންދު ކުރުމުގެ ސަބަބުން މިހާތަނަށް 300000ރ. ގެއްލުން ލިބިފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ދެތަން ނުހުޅުވިދާ ކޮންމެ ދުވަހަކު 500000ރ. ގެއްލުން ވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
http://sun.mv/albums/l_2282.jpg
ކޯޓު އަމުރެއް ހޯދައިގެން ބޭކަރީ އާއި ސްޓޯރު ހުޅުވުމުގެ މަސައްކަތް ފެށި ކަމަށް ފެންޓަސީން ބުނި ނަމަވެސް ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރާނެ ކަމަކަށް މިއަދު ނުބުނެ އެވެ.
ފެންޓަސީގެ ދިފާއުގައި ވާހަކަ ދެއްކެވި ރީނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ފެންޓަސީ ޖޫރިމަނާ ކުރި ކަމަށް ބުނާ 100000ރ. މައުލޫމާތު ފެންޓަސީއަށް އެނގިފައި ނުވާ ކަމަށާއި ފެންޓަސީ ޖުރިމަނާ ކޮށްފައި ވަނީ 6500ރ. އިން ކަމަށެވެ. އެފައިސާ މިހާރު ސިޓީ ކައުންސިލަށް ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި ކަމެއް އަޅުގަނޑުމެނަކަށް ނާންގާ އެންގީ 6500ރ. އިން ޖޫރިމަނާ ކުރީ ކަމަށް. އެފައިސާ އަޅުގަނޑުމެން ދައްކައިފިން. އަދި އަޅުގަމެން ފައިސާ ދެއްކުމުގެ ކުރިން ފުރުސަތެއް ދިނުމަށް އެދުމުން އެ ފުރުސަތު ވެސް އަޅުގަނޑުމެނަކަށް ނުދެއްވި،" ރީނާ ވިދާޅުވި އެވެ.
ފެންޓަސީ ބޭކަރީ އާއި ސްޓޯރުން ވަކިކުރި މުވައްޒަފަކާ ހަމައިން ފެންމަތިވެ މައްސަލައާބެހޭ ގޮތިން ރީނާ ވިދާޅުވީ ވަކިކުރި މުވައްޒަފު، ޒިދުނާ އަލީ ފަތުރާފައި ވަނީ ފެންޓަސީއަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތި ކުރުވި ދޮގު ވާހަކަތަކެއް ކަމަށެވެ.
ފެންޓަސީން އެހެން ބުނާއިރު ވަޒީފާއިން ވަކިކުރި ޒިދުނާ އަލީ މީޑިއާގައި ބުނެފައިވަނީ ފެންޓަސީ ބޭކަރީގައި ކޭކް އަޅާ އިރު ބޭނުންކުރާ ބައެއް ބާވަތްތަކަކީ މުއްދަތު ހަމަވެފައިވާ ބާވަތްތައް ކަމަށާއި ސޭންޑްވިޗަށް އަޅާ މަހާއި ކޭކަށް އަޅާ ޗޮކްލެޓް ފަދަ ތަކެތި މުއްދަތު ހަމަވެފައި ހުރި ނަމަވެސް ބޭނުން ކުރުމަށް ފެންޓަސީން އަންގާ ކަމަށެވެ.
ރީނާ ވިދާޅުވީ ވަޒީފާއިން ވަކިކުރި ޒިދުނާ އެފަދަ ދޮގު މައުލޫމާތުތަކެއް ދީފައިވަނީ އޭނާ ވަޒީފާއިން ވަކި ކުރުމުން ކަމަށާއި ވަޒީފާއިން ވަކިކުރަން ޖެހުނީ މަސައްކަތަށް ފަރުވާކުޑަމަށް ފާހަގަކުރެވި ތަކުރާރުކޮށް ނަސޭހަތްދީ އިސްލާހު ކުރަން އެންގި ކަންކަން އިސްލާހު ކޮށްފައި ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ ބޭކަރީން ތަކެތި ވިއްކުމުގައި ގަވާއިދާއި ހިލާފަށް ޒިދުނާ އޭނާގެ ރައްޓެހިންނަށް ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
"ޒިދުނާ އަކީ މަސައްކަތަށް ވަރަށް ފަރުވާ ކުޑަ މުވައްޒަފެއް. އޭނާ ރައްޓެހިންނަށް ޑިސްކައުންޓު ވެސްދޭ. ތަކުރާރުކޮށް ނަސޭހަތްދީގެން ވެސް އޭނާގެ ވަނީ އެކަންކަން އިސްލާހު ނުކޮށްފައި. އެހެންވެ އަޅުގަނޑުމެން އޭނާ ވަޒީފާއިން ވަކިކުރީ. ޒިދުނާ ވަނީ ވަޒީފާއިން ވަކިކުރި ދުވަހު އެސްއެމް އެސް މެދުވެރިކޮށް ފެންޓަސީގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ބުނެ ވަނީ އިންޒާރު ވެސް ދީފައި،" ރީނާ ވިދާޅުވި އެވެ.
http://sun.mv/albums/l_2283.jpg
އޭނާ ވިދާޅުވީ ފެންޓަސީ ބޭކަރީގައި ކާބޯތަކެތީގެ ބާވަތްތައް އުފައްދަން ބޭނުންކުރާ ތަކެތި ބަހައްޓަނީ އެތާގެ އިސްޓޯރުގައި ކަމަށާއި އެތަނުން މުއްދަތު ހަމަވެގެން ފެނުނު 13 ބާވަތެއް ފެންޓަސީ ބޭކަރީގައި އެއްވެސް ކާއެއްޗެއް އުފެއްދުމަށް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. މުއްދަތު ހަމަވެފައިވާ ތަކެތި ނައްތާ ނުލައި ބަހައްޓާފައިވަނީ ވަޒީފާއިން ވަކިކުރި ޒިދުނާ އާއި އެތަނުގެ އެހެން ދެ މުވައްޒަފަކާއި ގުޅިގެން ކަމަށެވެ.
ފެންޓަސީން މިއަދު ބުނީ އެ ކުންފުނީގެ ބޭކަރީގެ ޕްރޮޑަކްޝަން އޭރިއާއިން މުއްދަތު ހަމަވެފައިވާ އެއްޗަކަށް ފެނުނީ މިދިއަ މާޗް މަހަށް މުއްދަތު ހަމަވެފައިވާ ވެނީލާ އެސެންސް އެކަނި ކަމަށެވެ.
ރީނާ ވިދާޅުވީ ޗިލްޑް ފޯމްގައި ރާއްޖެ އެތެރެ ކުރާ "ވޮލިސްޓާ" ކިޔާ އެއްޗެއް ފެންޓަސީ ބޭކަރީގައި ބޭނުން ކުރާ ކަމަށާ މުއްދަތު ހަމަވުމުގެ ހަފްތާއެއް ކުރިން ފްރީޒް ކުރުމުން އަހަރަކާއި ދެ އަހަރުގެ މުއްދަތަށް އޭގެ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެކަން އަންގައިދޭ ގޮތަށް އެތަކެތި ސަޕްލައިކުރާ ފަރާތުން ހޯދާފައިވާ ލިޔުންތަކެއް ވެސް ޖެނެރަލް މެނޭޖަރު ނޫސްވެރިންނަށް ދެއްކި އެވެ. ފެންޓަސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހުންނަށް ވެސް އެ ލިޔުންތައް ހުށަހަޅާފައިވާ ކަމަށް ރީނާ ވިދާޅުވި އެވެ.
ފެންޓަސީގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ޒުހައިރު ވިދާޅުވީ ފުލުހުން ފެންޓަސީއަށް ވަނުމަށް ހުރަސް އެޅިކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ފުލުހުން ފެންޓަސީ އޮފީހަށް ވަންނަން ދިޔައިރު އޮފީހުގެ ބޭރުގައި ހުރި އާދައިގެ މުވައްޒަފެއްގެ ކައިރީ އެތަން ހުޅުވަން ބުނުމުން އޭނާ ހުޅުވުމަށް ދެކޮޅު ހެދީ އިސްވެރިއެއްގެ ހުއްދައަކާއި ނުލައި އެތަން ނުހުޅުވޭނެތީ ކަމަށެވެ. ނަމަވެސް އެތަނަށް ފުލުހުން ވަންނަން އުޅުނުކަން އޭނާއަށް އެންގުމުން އެތަން ހުޅުވުމަށްފަހު ފުލުހުންނަށް އެތަނަށް ވަދެވޭނެގޮތް ހަމަޖައްސައިދީފައިވާ ކަމަށެވެ.
"ފުލުހުން ފެންޓަސީ އޮފީސް ހުޅުވަން އައިރު އޮފީހުގެ އާދައިގެ މުވައްޒަފަކު އޮފީސް ބޭރުގައި ހުއްޓާ ފުލުހުން އޭނާ ގާތު ބުނީ އޮފީސް ހުޅުވައިދޭށޭ. ދެން އޭނާ ބުނީ ވެރިއެއްގެ ހުއްދައަކާއި ނުލައި އެތަން ނުހުޅުވޭނެޔޭ. އެވަގުތު އަޅުގަނޑު އެތަނަށް އައިސް އެއްވެސް ހުރަހެއްނެތި ފެންޓަސީ އޮފީހަށް ފުލުހުން ވައްދައިދިނިން،" މެނޭޖިން ޑައިރެކްޓާ ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ 7000 ބާވަތުގެ ތަކެތި ފެންޓަސީ ގުދަނުތަކުގައި ހުރިއިރު މުއްދަތު ހަމަވެފާއިވާ ހަތަރު ބާވަތެއްގެ 15 އައިޓަމް ފުލުހުންނަށް ފެނުނު ކަމަށާއި އެ ތަކެއްޗަކީ ނައްތާނުލެވިހުރި ތަކެތި ކަމަށެވެ. ފެންޓަސީ ބޭކަރީގައި ކާއެއްޗިހި އުފެއްދުމަށް އެއިން އެއްވެސް ބާވަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި އަދި ފެންޓަސީ ސްޓޯރުގައި ވިއްކާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފެންޓަސީން ބުނީ މުއްދަތު ހަމަވެފައިވާ ތަކެތި ހުންނަނީ ހަމައެކަނި ފެންޓަސީގައި ނޫން ކަމަށާއި، މާލޭގެ ގިނަ ތަންތަނުގައި މުއްދަތު ހަމަވެފައިވާ ތަކެތި ވިއްކަން ބަހައްޓާފައިވާ ކަމަށެވެ. އެކަން ކަށަވަރުކޮށް ދިނުމަށް ފެންޓަސީން މާލޭގެ ބައެއް ފިހާރަތަކުން ގަނެފައިވާ މުއްދަތު ހަމަވެފައިވާ ތަކެތި ކަމަށް ބުނެ ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެތި ވަނީ ދައްކާފަ އެވެ. އޭގެ ތެރޭގައި އެސެންސް ފަދަ ބައެއް ބާވަތްތައް ދައްކާފައިވެއެވެ. ފިހާރަތަކުން ގަނެގެން ގެނައި ކަމަށް ބުނެ ފެންޓަސީ ނޫސްވެރިންނަށް ދެއްކި ފުޅިތަކުގެ ތެރެއިން ބައެއް ފުޅިތަކުގައި މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްފައިވާ ފުޅިތަކާއި، އިނގިރޭސި ނޫން އެހެން ބަސްބަހުން ލިޔެފައިވާ، މުއްދަތު ހަމަވާ ތާރީހު އެނގެން ނެތް ފުޅި ހުއްޓެވެ.
ފެންޓަސީން މިއަދު ވަނީ އެމީހުންގެ ދެ ގުދަނާއި ރެސްޓޯރެންޓް ވެސް ނޫސްވެރިންނަށް ދައްކާ، ފެންޓަސީގެ ކޮންމެ ތަނަކަށް ވެސް ބޭނުން އިރަކު ނޫސްވެރިން ވަދެ ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. ފެންޓަސީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގެ ހަވާސާގައި މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ފެންޓަސީއާމެދު ނުބައި ތަސައްވުރެއް އުފެދުނީ މި މައްސަލައިގައި ފެންޓަސީއަށް މީޑިއާގެ ސުވާލުތަކަށް ޖަވާބު ދިނުން ލަސްވުމުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.