05 Sep 2019, 11:53
ސިނަމާލެ ބްރިޖުން ހައިވޭ ފީއެއް ނަގަން ގިނަ ބަޔަކު ތާއީދުކޮށްފި އެވެ.
ސިނަމާލެ ބުރިޖު ހުޅުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް މިހާތަނަށްވެސް ބުރިޖުން ދަތުރުކުރާ ވެހިކަލްތަކުން ނަގާގެ ފީއެއް ކަނޑައެއް ނާޅަ އެެވެ.
ސިނަމާލެ ބުރިޖަށް އެއް އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އެސޯސިއޭޝަންއާ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އެމްއެންސާޔޫއެސްޔޫ ގުޅިގެން ކުރި ސާވޭގައި ބުނީ ބުރިޖު ހުރަސް ކުރުމަށް ހައިވޭ ފީއެއް ނަގަން 66 ޕަސެންޓް މީހުން ތާއިދުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނީ ބުރިޖު ހުރަސްކުރާ ސައިކަލްތަކުން ފީއެއް ނެގުމަށް ތާއިދު ނުކުރާ ކަމަށެވެ. އަދި 26 ޕަސެންޓް މީހުން ބުނީ ފީގެ ގޮތުގައި ސައިކަލްތަކުން ފަސް ރުފިޔާ ނެގުމަށް ތާއީދުކުރާ ކަމަށެވެ.
ސައިކަލްތައް ފިޔަވައި އެހެނިހެން ވެހިކަލްތަކުން ހައިވޭ ފީއެއް ނެގުމަށް 74 ޕަސެންޓް މީހުން ވަނީ ތާއީދުކޮށްފަ އެވެ. އެ ފީ ފަސް ރުފިޔާ އަދި 10 އާ ދެމެދުގެ އަގަކަށް ކަނޑައަޅަން ފެންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 46 ޕަސެންޓް މީހުން ބުނީ ބުރިޖު ހުރަސް ކުރާއިރު ހެލްމެޓް އަޅަައިގެން ދަތުރުކުރަން އުނދަގޫ ކަމަށާއި އެހެން ނަމަވެސް އެއީ ރައްކާތެރިގޮތް ކަމަށްވެސް ވަނީ ބުނެފަ އެވެ.