05 Sep 2019, 12:55
ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ގައުމުން ބޭރުގައި ކުޅެ ގުއާމް ގާތުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގުއާމާ ދެކޮޅަށް ރާއްޖެއިން މިއަދު ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިރު މި މެޗަށް ރާއްޖެ އައީ ގިނަ ގޮންޖެހުންތަކަކާ އެކުއެވެ. އަދި މިއަދުގެ މެޗަށް ގުއާމުން ވަރުގަދަ ޓީމަކާ އެކު ނުކުތް ނަމަވެސް ރާއްޖޭގެ ޓީމުގެ ހާލަތު އޮތީ އެންމެ ރަނގަޅަށް ނޫންކަމަށް މެޗުގެ ކުރިން ދިން ޕްރެސްްއެއްގައި ރާއްޖޭގެ ކޯޗު ވަނީ ބުނެފައެވެ.
އެހެން ނަމަވެސް މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ ރާއްޖެއިންނެވެ. މެޗުގެ ފުރަތަމަ ތިން މިނަޓުގެ ތެރޭގައި ވެސް ރާއްޖެއިން ހަމަލާތަކެއް އުފެއްދި އިރު ޖެހިޖެހިގެން ދެ ކޯނަރެއް ވެސް ވަނީ ލިބިފައެވެ. އަދި އެއާ އެކު ގުއާމް ޓީމު ޕްރެޝަރަށް ވެއްޓި ރާއްޖޭގެ ކުޅުންތެރިންނަށް ފައުލުތަކެއްވެސް ކުރިއެވެ.
އޭރިއާއާއި މާ ދުރު ނޫން ހިސާބަކުން ކުރި ފައުލުތަކާ ގުޅިގެން ލިބުނު ހިލޭ ޖެހުންތައް ކެޕްޓަން އަކްރަމް އަބްދުލްޣަނީ ފޮނުވާލި އިރު އެންމެ އެދެވޭ ގޮތުގައި އެއްވެސް ބޯޅައަކުން ފައިދާ ނެގިފަައެއް ނުވެއެވެ.
މެޗު ކުރިއަށް ދިޔަ ވަރަކަށް ރާއްޖެއިން ދިޔައީ އެޓޭކްތައް ގިނަކޮށް ގުއާމްގެ ޑިފެންސަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން އަރިމަތިން ލިބުނު ބޯޅައެއް މުޅިން ހުސްކޮށް ހުރެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ އޭރިއާ ކުރިމައްޗަށް ހުރަސް ކޮށްލާފައެވެ. އެ ބޯޅައަށް ބޮލުން ޖަހަން އެރި އަބްދުﷲ އަސަދުﷲއަށް އެ ބޯޅަ ފޯރާ ގޮތް ނުވެ ދިޔައީއެވެ.
ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މެޗުގެ 26 ވަނަ މިނެޓުގައި އަނެއްކާވެސް ލިބުނު ބޯޅައެއް ހިފައިގެން ފޭދޫ އިއްބެ ވަނީ އޭރިއާ ތެރެއަށް ވަދެ ނަގައިދިނުމުގެ ބަދަލުގައި ގޯލަށް އެ ހަމަލާ ފޮނުވާލައިފައެވެ. އެ ބޯޅަ ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ.
ރާއްޖޭގެ ގޯލާއެކު ގުއާމުން ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖަހަން މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ޓީމުގެ ހަލުވި ކުޅުމުގެ ސަބަބުން ކޮންމެ ފަހަރަކުވެސް އެޓީމުން އުފައްދަން އުޅޭ ހަމަލާ ނާކާމިޔާބުވާން ފެށުމުން ގުއާމް ޓީމުން ވަނީ ގިނަ ފައުލުތަކެއް ކޮށްފައެވެ. އެ ފައުލުތަކާއެކު ގުއާމް ޓީމުގެ ކުޅުންތެރިންނަށް ދެ ރީންދޫ ކާޑުވެސް ވަނީ ދައްކާފައެވެ.
އެ ހާފުގައި ގުއާމް ޓީމަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު އިތުރު ވަގުތުގައި ލިބުނު އިރު އެ ޓީމުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
ދެވަނަ ހާފު ފެށިގެން ގުއާމް ޓީމުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ޓީމު އެއްކޮށް ކުރިއަށް ޖައްސައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި އިރު ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ އެ ބޯޅަތައް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ހާއްސަކޮށް ގުއާމް ޓީމުން ނެގި ކޯނަރުތަކާއި ހުރަސްތައް ދިފާއުކުރުމުގައި ރާއްޖޭގެ ޑިފެންސްލައިނުން ސާބިތުކަމާއެކު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އަނެއްކާވެސް ރާއްޖޭގެ ޓީމު ގޭމުގެ ތެރެއަށް ވަދެ ގުއާމް ޓީމަށް ރައްދު ދިނެވެ. އެއާއެކު މެޗުގެ ޓެމްޕޯ މަތިވެ ދެ ޓީމުންވެސް ގިނަ ފައުލުތަކެއް ކުރިއެވެ.
މީގެ އިތުރުން ދެވަނަ ހާފުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ނަޒީމް (ޗޯޓު)ވެސް ވަނީ އޭނާގެ ފުރަތަމަ ސީނިއާ ފުޓުބޯޅަ މެޗުގެ ޑެބިއު ހަދައިފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ޗައިނާއާ ދެކޮޅަށެވެ. އެ މެޗު ރާއްޖޭގައި ކުޅޭ އިރު މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.