05 Sep 2019, 10:50
ނ. އަތޮޅުގެ ދެ ރަށެއްގެ ސުކޫލަށް 50 އަހަރު ފުރޭ ރަންޔޫބިލް މުނާސަބާ ފާހަގަ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ރަށަކަށް ދަތުރު ފައްޓަވައިފި އެވެ.
އެގޮތުން ރައީސް ސޯލިހު މިއަދު ހެނދުނު ވަނީ. ނ. އަތޮޅު މިލަދުއަށް ވަޑައިގެންފަ އެވެ. މިލަދުއަށް ފަހު ދެން ރައީސް ވަޑައިގަންނަވާނީ އެއަތޮޅު ކުޑަފަރީ އަށެވެ.
މިލަދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވާފަ އެވެ. މިލަދޫ ހިދާޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެ އަތޮޅު މަގޫދޫ ކައުންސިލާ ބައްދަލުވެސް ހަމަޖެހިފައިވެ އެވެ.
މިލަދުއަށްފަހު ރައީސް މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ނ. ކުޑަފަރިއަށެވެ. ކުޑަފަރީ ސުކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައިބާއްވާ ރަންޔޫބިލް ޖާލްސާގައި ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އަދި ކުޑަފަރީގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ . އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.