ޗައިނާއިން ވަނީ އީސްޓް އިންޑިއާ ކޮމްޕެނީއަށް ވުރެ ގިނައިން ބިން ފޭރިގަނެފައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެއާ ހަމަޔަށް ބޭއްވި އިންޑިއަން އޯޝެން ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާއިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިގެން ރާއްޖެ ދަރަނިވެރި ކުރުވާފައި ކަމަށެވެ.

"ފާއިތުވި އަހަރުތަކުގެ ތެރޭގައި ޗައިނާއިން ވަނީ އީސްޓް އިންޑިއާ ކޮމްޕެނީން ފޭރިގަތް ބިންތަކަށް ވުރެ ގިނަ ބިން ފޭރިގަނެފައި. އަޅުގަނޑު [ޗައިނާގެ] ކޮންޓްރެކްޓް ކޮމާޝަލް އާބިޓްރޭޝަނަށް ހުށަހަޅައިފި ނަމަ އެވާނީ ކަލްކަތާއިން އީސްޓް އިންޑިއާ ކޮމްޕެނީ އާބިޓްރޭޝަނަށް ގެންދިޔުން ފަދަ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭ ރާއްޖެއަށް ވަނީ ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިފަ އެވެ. އަދި އެފައިސާ ބޭނުންކޮށްފައި ވަނީ ކާމިޔާބުވުމުގެ ފުރުސަތު ކުޑަ ޕްރޮޖެކްޓުތަކަށް ކަމަށާއި އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓުތަކަށް ފަންޑު ކުރީ ޗައިނާގެ އެކްޒިމް ބޭންކުން ކަމަށެވެ.

އަދި އެފަދަ ޕްރޮޖެކްޓުތައް ފެއިލް ވުމުން، ލޯނުތައް ދެނީ ކަމަށާއި އަދި އެލޯނު އަނބުރާ ދެއްކޭ ގޮތް ނުވުމުން ޗައިނާއިން އިކުއިޓީއަށް އެދޭ ކަމަށާއި އަދި ސަރުކާރުން އިކުއިޓީއާ އެކު ގައުމުގެ ސިޔާދަތުވެސް ދޫކޮށްލަން މަޖުބޫރުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެއީ މިސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށާއި ރާއްޖެއަށް ލިބުނު ފައިސާގެ އަދަދު ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އަނބުރާ ދޭން ޖެހޭނީ ހަމަ އެހާވަރަށް ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ފަހަކަށް އައިސް މުޅި ދުނިޔޭގައި ވެސް ބިން ފޭރުން އާއްމުވެފައި ކަމަށާއި ނަމަވެސް އެފަދަ މައްސަލަތައް އެންމެ ގިނައިން ހިނގަނީ އިންސާނީ ހައްގުތަކުގެ ރައްކާތެރިކަން ކުޑަ ސަރަހައްދުތަކުގައި ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، މިދިޔަ އަހަރުގެ އިންތިހާބާ ޖެހެންދެން ރާއްޖޭއަކީ "ބިން ފޭރުމަށް އޮތް ސުވަރުގެ"އެއް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވަނީ މުސްތުގަބުލުގައި ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް ގެންނަ އިރު، ހާއްސަކޮށް ޗައިނާގެ އިންވެސްޓުމެންޓުތައް ގެންނަ އިރު އެ ވިޔަފާރީގެ މަރުހަލާތައް ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާ ކަނޑުގައި ވިޔަފާރި ކުރަން އިނގިރޭސިވިލާތުން 17 ވަނަ ގަރުނުގައި އުފެއްދި އީސްޓް އިންޑިއާ ކޮމްޕެނީން ވަނީ ފަހުން އިންޑިއާގެ ބިންތަކަށް ވެރިވެގަނެ، 100 އަހަރު ވަންދެން އެގައުމުގައި ވެރިކަންކޮށްފަ އެވެ. އޭގެ ފަހުން 19 ވަނަ ގަރުނުގައި އިންޑިއާ ގެންދިޔައީ އިނގިރޭސި ރަސްކަމުގެ ބާރުގެ ދަށަށެވެ. އަދި އިންޑިއާއަށް މިނިވަންކަން ލިބުނީ 1947ގަ އެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ޗައިނާގެ ލޯނުތަކާ މެދު ފާޑު ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާއި ރައީސް ނަޝީދާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލު ކުރި އެވެ.