އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުން: އަހުމަދު ނާއިފް

ސަތާރަ ވަނަ ސާކު ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ގައުމުތަކުގެ އިސްވެރިން މިރޭ އައްޑުއަށް ވަޑައިގަންނަވަން ފަށާނެ އެވެ.

އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އައްޑޫ އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ބާއްވާ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އިސްވެރިންގެ ތެރެއިން އެންމެ ފުރަތަމަ އައްޑުއަށް ވަޑައިގަންނަވާނީ ބޫޓާންގެ ބޮޑުވަޒީރު، ޖިގްމީ ޔޯސަރު ތިންލޭ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެ މަނިކުފާނު ވަޑައިގަންނަވާނީ މިރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ސާކު ސަމިޓް ފެށެން ދެ ދުވަހަށް ވެފައިވާރު، ސާކުގެ އަށް ގައުމުގެ ހެޑް އޮފް ސްޓޭޓުން މަދާމާރޭގެ ނިޔަލަށް އައްޑުއަށް ވަޑައިގަންނަވާނެ ކަމައްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބޮޑެތި ބާރުތައް ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާންގެ ވެރިން އައްޑުއަށް ވަޑައިގަންނަވާނީ މާދަމާގެ ވަގުތުތަކުގަ އެވެ.
އިސް ވެރިންގެ އެރައިވަލް މިރޭ ފެށޭއިރު އައްޑުއާއި ފުވައްމުލަކާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބެލެހެއްޓުމުގައި ސާކުގެ ގައުމުތަކުގެ އަޝްކަރިއްޔާތަކުން ހަރަކާތްތެރިވަމުން އަންނައިރު އެކަމުގައި 30 އުޅަނދެއްގެ ބޭނުން ކުރެ އެވެ.

އެއާޕޯޓް ހުންނަ ގަމަށް ދަތުރުކުރާ އުޅަދުފަހަރާއި މީހުން ފުލުހުން މިހާރު ވެސް އަންނަނީ ބަލައި ފާސްކުރަމުންނެވެ.

ފަސް ބޮޑުވަޒީރުންނާއި ތިން ރައީސުން މިފަހަރުގެ ސާކު ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.