ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލުމާ ގުޅޭ ގޮތުން، ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އާންމުވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާންގެ ރަހީނުކޮށް މަރާލުމާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓް ރައްޔިތުން މަޖިލީހުގެ ޕީޖީ ގްރޫޕްގެ ލީޑަރުންނާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައްސަލައިގައި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ހާމަކުރެއްވީ މީގެ ކުރިން ފުލުހުން އަތުގައި ހުރި މައުލޫމާތު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުގެ މައްޗަށް ދައުވާ ކުރެވޭ ނަމަ، އޮތީހީ ދައުވާކޮށްފައި ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އެހެންކަމުން، ރިޕޯޓް އާންމުވުމާ ދައުވާ ސާބިތުވުމާ ގުޅުން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ކަންކަން އޮޅުން ފިލުން މާ މުހިންމު،" ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރިލްވާންގެ ރިޕޯޓް އާންމު ކުރުމާ ގުޅޭ ގޮތުން، ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވީ އޭގައިވާ ސިއްރު ހެކިންގެ މައުލޫމާތު އާންމު ވެދާނެތީ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުރިހާ ޕީޖީ ލީޑަރުން ވެސް ރިޕޯޓްގެ ސިއްރު ހިފަހައްޓަވާނެ ކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ. އަދި އެ ރިޕޯޓް ޕީޖީ ލީޑަރުންނާ ހިއްސާ ކުރެއްވީ ކޮމިޝަންގެ ރައީސް ސުއޫދުގެ އަރިހުގައި އެއްސެވުމަށް ފަހު އިޒުނަ ލިބިގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސުއޫދު އެ ރިޕޯޓް މަޖިލީހާ ހިއްސާ ކުރެއްވައި މަޖިލިސްގައި ބަހުސް ކުރައްވަން އެދިވަޑައިގަތީ ފުލުހުންނާއި ކޯޓްތަކުގެ ތެރެއިން އިންސާފު ނުލިބިދާނެތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު މިއަދުވެސް މަޖިލީހުގައި ވިދާޅުވީ، އެ ރިޕޯޓްގައި ސިއްރު ހެކިންގެ މައުލޫމާތެއް ނެތް ކަމަށާއި ރިޕޯޓް އާންމު ކުރުމުން އެކަން ހާމަވެގެން ނުދާނެ ކަމަށެވެ.