ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އާއި ރާޖްކުމާރު ރޯއީ ނެޓްފްލިކްސްގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

"ދަ ވައިޓް ޓައިގާ"ގެ ނަމުން ނަންދީފައިވާ އެ ފިލްމަކީ އެދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެ ފިލްމަކީ ވާހަކަ ލިޔުންތެރިޔާ އަރްވިންދު އަދިގާގެ ވާހަކަ "ދަ ވައިޓް ޓައިގާ" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

އެ ފިލްމު ޑައިރެކްޓްކުރާނީ ރަމިން ބަހްރާނީއެވެ. ފިލްމުގެ ޝޫޓިން މި އަހަރު ފަށާނެ ކަމަށާއި އަންނަ އަހަރުތެރޭ ފިލްމު ނެޓްފްލިކްސްއިން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ ރާޖްކުމާރު އާ އެއްކޮށް މަސައްކަތް ކުރެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމަށް އުންމީދު ކުރާކަމަށެވެ. އަދި އެ ވާހަކަ ވަރަށް ކަމުދާ ކަމަށްވެސް ޕްރިޔަންކާ ބުންޏެވެ.