ރައްޔިތުން މަޖިލީހުގައ ހިމެނޭ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުންގެ އަތަށް ދީފައިވާ ރިލްވާންގެ މަރުގެ ރިޕޯޓް އެބޭފުޅުންގެ އަތުން އަތުލާފައި ނުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަރުތައް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މަޖިލީހިގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ހިއްސާކުރެއްވުމުން އެ މަނިކުފާނު ވަނީ ރިޕޯޓްގެ ކޮޕީ ހައްދަވައި ޕީޖީ ލީޑަރުންނާ ރިޕޯޓް ހިއްސާ ކުރައްވައިފަ އެވެ.

ބައެއް ސިއްރު ހެކިވެރިންގެ މައުލޫމާތު ހުރެގެން ޕީޖީ ލީޑަރުންގެ އަތުން އެ ރިޕޯޓް އަނބުރާ އަތުލާފައިވާ ކަމަށް ވަނީ ބައެއް މީޑިއާތަކުގައި ވެސް ރިޕޯޓްކޮށްފަ އެވެ. އަދި އެއަށް ފަހު މަޖިލީހުން ވަނީ އެ ރިޕޯޓްގެ ހުލާސާއެއް އާންމުކޮށްފަ އެވެ.

ރޭ ވަރަށް ދަންވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިލްވާން ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، ޕާލަމެންޓަރީ ގުރޫޕް ލީޑަރުން އަތުން އަނބުރާ އަތުލާފައިނުވާނެ ކަމަށެވެ.

ޕީޖީ ލީޑަރުންގެ އަތަށް އެ ރިޕޯޓް ލިބިފައި ވާތީ، އޭގައި ހުރި ބައެއް ސިއްރު މައުލޫމާތު އެނގި، ސިއްރު ހެކިން ހާމަ ވެދާނެތީ އެކަމާ އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުން އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުރިހާ ޕީޖީ ލީޑަރުން ވެސް ރިޕޯޓްގެ ސިއްރު ހިފަހައްޓަވާނެ ކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ. އަދި އެ ރިޕޯޓް ޕީޖީ ލީޑަރުންނާ ހިއްސާ ކުރެއްވީ ކޮމިޝަންގެ ރައީސް ސުއޫދުގެ އަރިހުގައި އެއްސެވުމަށް ފަހު އިޒުނަ ލިބިގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.