ސިއްހީ މައްސަލަތަކަކާ ހުރެ އޮސްޓްރޭލިއާއިން ޑީޕޯޓުކޮށްލުމުގެ ބިރު އޮތް ދިވެހި ފިރިހެން ކުއްޖާއަށް ވިސާ ހަމަޖައްސައިދިނުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުގެ ފަރާތުން އެދިއްޖެއެވެ.

ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ކައިބާން ޖަމްޝީދު ކިޔާ މި ފިރިހެން ކުއްޖާއަކީ އޮސްޓްރޭލިއާއަށް އުފަން ކުއްޖެކެވެ. އެހެން ނަމަވެސް އެކުއްޖާއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އޮސްޓްރޭލިއާއިން ވަނީ އޭނާއަށް ވިސާ ނުދީ ހިފަހައްޓާފައެވެ.

ހިމޮފީލިއާގެ އިތުރުން، އުފެދުމުގައި ސިކުނޑިއަށްވެސް ގެއްލުން ވެފައިވާ ކައިބާން ޖަމްޝީދަށް ވިސާ ނުދީ، އޮސްޓްރޭލިއާއިން ޑީޕޯޓުކޮށްފާނެ ކަމުގެ ބިރު އެބަ އޮތެވެ.

އޮސްޓްރޭލިއާގެ ގާނޫނުތައް ބުނާ ގޮތުން ސިއްހީ ބޮޑެތި މައްސަލައެއް ހުންނަ ފަރާތްތަކާއި ވިސާ، ނުވަތަ އެގައުމުގެ ރައްޔިތުކަންވެސް ނުދިނުމުގެ އިޚްތިޔާރު އެގައުމަށް ލިބެއެވެ. އެ ގޮތުގެ މަތިން ކައިބާންއަށްވެސް ވިސާ ނުދިނުމަށް އެގައުމުގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ވަނީ ނިންމާފައެވެ.

ކައިބާންއާ ބެހޭ ރިޕޯޓުތައް ވަނީ އެގައުމުގެ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައެވެ.

ފޮރިން މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލުވެފައިވާ ކަމަށެވެ.

އަދި ކައިބާން ޖަމްޝީދަށް އިންސާނިއްޔަތުކަމުގެ މަތިން ވިސާ ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށާއި، ޝާހިދުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރަށް ފޮނުއްވާ ސިޓީއެއް އަރުވާފައިވާ ކަމަށް ޝާހިދުގެ ޓްވީޓުގައި ވިދާޅުވިއެވެ.