19:00


ހަތަރު ހެކްޓަރ ހަމަނުވާ 10 ރަށެއްގައި ލަގްޒަރީވިލާ ހެދުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.


މިކަން މިގޮތަށް ނިންމެވީ، ހައުސިން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ލަގްޒަރީވިލާތައް އެޅުމަށް ހަތަރު ހެކްޓަރަށް ވުރެ ކުދި ފަޅު ރަށްރަށް ހަމަޖެއްސެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކާ ބެހޭގޮތުން މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މިއަދުގެ ޖަލްސާގައި، ރާއްޖޭގައި މިއަހަރު ބޭއްވި ޑޯނަރ ކޮންފަރެންސްގައި ވަޢުދުވެފައިވާ އެހީތައް ހޯއްދެވުމަށް ސަރުކާރުން ކުރައްވަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވި އެވެ. މިގޮތުން މެންބަރުން މަޝްވަރާ ކުރެއްވީ، ޑޯނަރ ކޮންފަރެންސްގައި އެހީދޭނެ ކަމަށް ބުނެފައިވާ ފަރާތްތަކުން ދޭނެ ކަމަށް ބުނެފައިވާ އެހީ ހޯދުމަށްޓަކައި ސަރުކާރުން ކުރަން ހުރި މަސައްކަތްތައް ފާހަގަކުރެއްވުމަށް އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާ ބެހޭގޮތުންނެވެ.


އެއަށްފަހު، ކަމާބެހޭ މިނިސްޓްރީތަކުންނާއި އިދާރާތަކުން ހިންގެވުމަށް ނިންމަވާފައިވާ މަޝްރޫޢުތައް ކަނޑައަޅުއްވައި، ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް ފުރިހަމަކުރެއްވުމަށްފަހު، އެ ޕްރޮޕޯޒަލް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އަށް ހުށަހެޅުއްވުމަށް ނިންމެވި އެވެ. އަދި އެ ޑިޕާޓްމަންޓަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ނޭޝަނަލް ޕްލޭނިން ކައުންސިލަށް ހުށަހަޅުއްވައިގެން ފާސްކުރެއްވުމަށްފަހު، މަޝްރޫޢަށް އެހީ ހޯއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުރައްވަމުން ގެންދެވުމަށާއި، އެހީގެ މަޝްރޫޢުތަކަށް ފައިސާ ހަމަޖެހުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ކަމާބެހޭ މިނިސްޓްރީ ނުވަތަ އިދާރާއާ ގުޅިގެން އަދި ވަޒީރުންގެ ކޮމިޓީގެ މަޝްވަރާއާއެކު މިމަސައްކަތް ކުރިއަށް ގެންދެވުމަށް ވެސް މިއަދު ނިންމެވި އެވެ. ވަޒީރުންގެ ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވާނީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.


ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޭދޫފިނޮޅުގައި ޤާއިމު ކުރެވިފައިވާ "ކަރެކްޝަނަލް ޓްރޭނިން ސެންޓަރ ފޮރ ޗިލްޑްރަން" ދާއިމީ ގޮތެއްގައި ބަލަހައްޓަވާނެ ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހަމަޖެއްސެވުމަށް ނިންމެވި އެވެ. އަދި މިހާރު އެޓަރނީ ޖެނެރަލްގެ ދަށުން ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަށް ބަދަލުކުރެއްވުމަށް ވެސް ނިންމެވި އެވެ. އަދި އެ މިނިސްޓްރީގެ މަސައްކަތްތަކަށް މި ގެންނަވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ނިންމެވުމަށް ވެސް ހަމަޖެއްސެވި އެވެ.


ވަރުވާއަށް ދޫކުރައްވާފައި ހުރި ރަށްތަކުގެ ތެރެއިން ފަސް ރަށަކާއި، ފިނޮޅެއް މިހާރުގެ މާކެޓް ވެލިއުއަށް ދެއްވުމަށާއި، ދިގު މުއްދަތަށް ދެރަށެއް ހަމަޖެއްސެވުމާ ބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަ ދެއްކެވި އެވެ. މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ދިގު މުއްދަތަށް ދޫކުރައްވާ ދެރަށް ބިޑަށް ހުޅުއްވައިލެއްވުމަށް ނިންމެވި އެވެ. އަދި ދެން ހުރި ރަށްރަށް، ހަމަޖެހިފައި އޮންނަ އުޞޫލުން މާކެޓް ވެލިއުއަށް ދޫކުރެއްވުމަށް ނިންމެވި އެވެ.


ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މަހުގެ 1 ން 5 އަށް ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މަޢްލޫމާތު، އެމަނިކުފާނު ދެއްވި އެވެ. މިގޮތުން މިދަތުރުފުޅުގައި، އޮސްޓްރޭލިޔާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތައް މަޖިލީހަށް ހާމަކޮށްދެއްވި އެވެ.