ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަކަށް އެ ޓްރައިބިއުނަލްގެ މެމްބަރު މުހައްމަދު ޒާހިރު އައްޔަންކޮށްފިއެވެ.

ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ، އެތަނުގެ ރައީސް ކަަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝިފާއު ޓްރަބިއުނަލްގެ ރައީސްކަމުންނާއި މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ހުސްވެފައިވާ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް މއ. އާފިއާ، މުހައްމަދު ޒާހިރު މިއަދު ރައީސް ސޯލިހު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ޔުނިވާސިޓީ އޮފް ލަންޑަންއިން ގާނޫނީ ދާއިރާ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި، މުހައްމަދު ޒާހިރު ޓްރަބިއުނަލްގެ މެމްބަރު ކަމަށް އައްޔަންކޮށްފައިވަނީ، ޖެނުއަރީ، 8، 2019 ގައެވެ.

މުހައްމަދު ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާ މެމްބަރު އަހްމަދު ޒާހިރުގެ ކޮއްކޮއެވެ. މި ދެބައިންގެ ބައްޕައަކީ، އެ ދާއިރާގެ ކުރީގެ މެމްބަރު، ޒާހިރު އާދަމްއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާ އެކެވެ. މުހައްމަދު ޒާހިރުގެ އިތުރުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، އައިމިނަތު އަބްދުﷲ ޒުހައިރާއި ފާތުމަތު މަހީރާ މުހައްމަދާއި އަބްދުﷲ މިފްރާޒް ނިޒާރާއި މަރިޔަމް ޝަމްއާ އާއި އިބްރާހިމާއި މަރިޔަމް ރިޝްފާ އެވެ.