08 Nov 2011, 16:31
ޓެލްއަވީވް (ނޮވެމްބަރ 8) : އިސްރާއީލުގެ ޖާސޫސީ ވެބްސައިޓްތަކަށް ޙަމަލާތަކެއްދީ އެ ސައިޓްތައް ހެކްކޮށްފިއެވެ. އިސްރާއީލުގެ ޢަސްކަރީ ދާއިރާތަކުން ބުނިގޮތުގައި ޚާރިޖީ ކަންތައްތަކާބެހޭ ޖާސޫސީ އިދާރާ (މޫސާދް) އާއި ދާޚިލީ ޖާސޫސީ އިދާރާ (ޝީންބޭތް) ގެ ވެބްސައިޓްތައްވަނީ ހެކްކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ އޮފީހުންބުނީ އެޤައުމުގެ ޖާސޫސީ އިދާރާތަކުގެ ވެބްސައިޓްތަށް ފޫއަޅުވާލުމުގެ ފުރްސަތު ހެކެރުންނަށްލިބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމުގައެވެ. ނަމަވެސް ހެކްކުރުމުގެ ފަހަތުގައިވާ ފަރާތެއް އަދި މިކަން ޢަމަލީގޮތުން ކުރީ ކޮންބައެއްކަން އިސްރާއީލަށް ހާމަކޮށްދެވިފައެއް ނުވެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ ވެބްސައިޓްތަކަށް އިލެކްޓޯނިކް ޙަމަލާތައްދީ ހެކްކޮށްފައިވަނީ ގޮތްނޭންގޭ (އެނޮނިމްސް) ޖަމާއަތަކުންނެވެ. މިޙަމަލާތައް އިސްރާއީލުގެ ސައިޓްތަކަށް އަމާޒުކޮށްފައިވަނީ މީގެހައެއްކަ ދުވަސްކުރިން ޣައްޒާގެ ރައްޔިތުންނަށް އިންސާނީއެހީ ހިފައިގެން ތުރުކީން ފުރައިގެންދިޔަ ދެއާގުބޯޓު މާކަނޑުގައި ވަނިކޮށް އިސްރާއީލުގެ ސިފައިން އެދެބޯޓު ކަނޑުފޭރިގަތުމާގުޅިގެންނެވެ. އެދެބޯޓު ކަނޑުފޭރިގަތުމަށްފަހު އިސްރާއީލު ސިފައިންވަނީ އޭގައިތިބި ބައިނަލްއަޤްވާމީ ސުލްހައިގެ އެކްޓިވިސްޓުންނާއެކު އިސްރާއީލުގެ އުސްދޫދް ބަނދަރަށް ގަދަބާރުން އެބޯޓު ގެންގޮސް އެތާނގައި ބަދަރުކުރުވައި އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ ވެބްސައިޓްތަކަށް އިލެކްޓޯނިކް ޙަމަލާތައްދީ އެސައިޓްތައް ހަލާކުކޮށްލި ގޮތްނޭނގޭ ހެކަރުންވަނީ ބައިނަލްއަޤްވާމީ ކަނޑުގައި ކަނޑުފޭރުމުގެ ޢަމަލުތައް އިސްރާއީލުން ހިންގަމުންގެންދާނަމަ އިސްރާއީލު ސަރުކާރުގެ ކޮންޕިއުޓަރ ނެޓްވާރަކްތަކަށް ނުރައްކާތެރި ވައިރެސްތަކުން ޙަމަލާދޭނެކަމުގެ އިންޒާރުދީފައެވެ.
އީރާނުގެ ނިއުކްލިޔަރ ކޮންޕިއުޓަރ ވިއުގައަކަށް މިދިޔަ އަހަރުގެ ފަހުކޮޅު ދިން ވައިރެހުގެ ޙަމަލާތަކުގެ ފަހަތުގައިވާކަމުގެ ތުހުމަތު ކުރެވިފައިވަނީ އިސްރާއީލުގެ މައްޗަށެވެ. މިދިޔަ އަހަރުގެ މޭމަހު އިސްރާއީލުގެ ސިފައިންވަނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީއެހީ ހިފައިގެންދިޔަ ތުރުކީގެ މިނިވަން ފްލީޓަށް ޓެރަރިސްޓް ޙަމަލާތަކެއްދީ އޭގައިތިބި ބައިނަލްއަޤްވާމީ ސުލްޙައިގެ އެކްޓިވިސްޓުންގެ ތެރެއިން ތުރުކީގެ 9 މީހަކު މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފައެވެ.
މިމައްސަލާގައި މަޢާފަށް އެދުމަށް އިސްރާއީލު ދެކޮޅުހެދުމުން ތުރުކީވަނީ އިސްރާއީލު އެކަހެރިކޮށް އެޤައުމާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއަޅައި އިޤްތިސާދީ އަދި ސިޔާސީ ގުޅުންތައް ވަރަށްބޮޑަށް ކުޑަކޮށްލާފައެވެ. -- އަލްޖަޒީރާ، އޭއެފްޕީ