ގެސްޓްހައުސްގެ ފަރާތްތަކަށް ހާއްސަ އިންޝިއުރަންސް ޕެކޭޖުތަކެއް ހަމަޖައްސައިދިނުމަށް އެލައިޑް އިންޝިއުރަންސްގެ ފަރާތުން ނިންމައިފިއެވެ.

އެގޮތަށް މިއަދު ނިންމާފައިވަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލް އިންޝިއުރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެލައިޑް އިންޝިއުރެންސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒާއި ޑެޕިއުޓީ މާކެޓިން މެނޭޖަރު އައިޝަތު ސުދާއެވެ. ގެސްޓްހައުސް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ނައިބު ރައީސް މޫސާ ނާސިހާއި އަހުމަދު އަމްޖަދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހައްމަދު ޝަފާޒް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ ޓުއަރިޒަމް އިންޑަސްޓްރީގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުންދާ ދާއިރާ ކަމަށެވެ.

"އިންޑަސްޓްރީ ފުޅާވެގެންދާއިރު ގެސްޓްހައުސްތަކަށް ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުން އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ،" ޝަފާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސްގެ ފަރާތްތަކަށް ތިން ޕެކޭޖެއް އެކުލަވާލާފައިވާ ކަމަށެވެ. އެއީ ބަޖެޓް ޕެކޭޖާއި ބަޖެޓް ޕްލަސް އަދި ޕްރީމިއަމް ޕެކޭޖެވެ.

އެ އެއްބަސްވުމުގެ ދަށުން ގެސްޓުހައުސްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ހިދުމަތް ކުރިއަށްދާނެ ކަމަށް ޝަފާޒް ވިދާޅުވިއެވެ.

"އިންޝުއަރަންސްއަކީ ރާއްޖޭގައި ތަންކޮޅެއް އާއެއްޗަކަށް ވާއިރު ފުރިހަމައަށް މައުލޫމާތު ދީގެން ކަންނޭނގެ ރައްކާތެރިކަމުގެ މައްޗަށް ފޯރުކޮށްދެވޭނީ،" އޭނާ ވިދާޅުވިއެވެ.