04 Sep 2019, 15:27
ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ހިންގާ އަނދިރި ދައުލަތް ހުއްޓުވަން ކުރަންޖެހޭ ކަންކަމަށް މަގުފަހިވާނެ ތިން ކަމެއް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މިއަދު ހުށަހަޅުއްވައިފިއެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމު ކުރި އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ވާގޮތުން އޭނާ ރަހީނުކޮށްގެން ގެންގޮސް ކަނޑު ފައްތާ މަރާލީ ދީނީ ހަރުކަށި ފިކުރުގެ އަލްގައިދާ އަށް ނިސްބަތްވާ ދިވެހިންތެކެކެވެ. އެ ދައުލަތަކީ ބިރުވެރި ދައުލަތެއް ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ "އަނދިރި ދައުލަތެއް، އަޑީ ދައުލަތެއް" އެބަ އޮތޭ ކިޔާފައި އަތް އުރާލައިގެން ނުތިބެވޭނެ ކަމަށެވެ. އަދި މަޖިލީހުން އެމީހުންނާ ދެކޮޅަށް މަސައްކަތް ފަށާނެކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން ހިސާން ވަނީ ރިލްވާނު ރަހީނުކޮށް މަރާލި މައްސަލަައިގެ ރިޕޯޓާ ގުޅިގެން ތިން ހުށަހެޅުމެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.
ހިސާންގެ ހުށަހެޅުންތައް
- މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރިޕޯޓު ދިރާސާކުރުމަށްފަހު ފުލުހުންގެ ގާނޫނާއި އަދިވެސް ކަމާ ގުޅޭ އެހެން ގާނޫނުތައް ދިރާސާކޮށް އެ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ފާހަގަކޮށް އެ އިސްލާހުތައް ގެނައުން.
- މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމައްޓަކައި އެކަމަށް ހާއްސަ އިޖުރާއަތުތައް ކަނޑައަޅައި އެ އިޖުރާއަތުތައް ގާނޫނުގެ ސިފައިގައި ގެނައުން.
- މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ކުރިއަށްދާ ގޮތާއި މިންވަރު ބަލައި އެކަންކަން ދިރާސާކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ހިމެނޭ ޓާސްކްފޯސްއެއް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެކުލަވާލުން.
ހިސާން ވިދާޅުވީ އެކަންތައްތައް ޕްރޯއެކްޓިވްކޮށް ކޮށްގެން މެނުވީ ރާއްޖޭގައި އޮތް އަޑީ ދައުލަތް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.
ހިސާން ވިދާޅުވީ 2007 ވަނަ އަހަރު އަހުމަދު ރިލްވާން އަބްދުﷲ ކުރި ޓްވީޓެއްގައި "އެމީހުން އެބައުޅޭ، އެއީ މިގައުމަށް ހުރި ނުރައްކަލެއް. އަހަރެއްމެންނަށް ކުރެވޭނީ ކީއް؟" މިހެން ބުނެފައިވާ ކަމަށެވެ. ރިލްވާން އެ ދުވަހު ދެއްކި ވާހަކައަކީ މިހާރު ރަސްމީ ސިފައެއްގައި ޑޮކިއުމެންޓް ކުރެވިފައިވާ ވާހަކައެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެ އަނދިރި ދައުލަތް އޮތް ކަމާ މެދު މިހާރު އެއްވެސް މީހަކަށް ޝައްކުކުރާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވަނީ. އެއްކަމެއް ނުކޮށް އަތްއުރާލައިގެން ހަމަގައިމު އަޅުގަނޑުމެން ތިބޭކަށް ނެތީމޭ. އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓޭ. އެއީ އަޅުގަނޑުމެން މި މަޖިލީހުން ކަންތައްތައް ކުރަން ބޭނުންވާތީއޭ." ހިސާން ވިދާޅުވިއެވެ.
ހިސާން އެދިވަޑައިގަތީ އޭނާގެ ހުށަހެޅުންތަކަށް މަޖިލީހުގެ މެމްބަރުން ތާއީދުކޮށްދިނުމަށެވެ.
ރިލްވާނުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލު ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައިވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.