ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަލް ޖައިޝަންކަރު މަޝްވަރާ ކުރައްވައިފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ- އިންޑިއާ ގުޅުން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެ ގޮތުން، އިޖްތިމާއީ އަދި އިގްތިސޯދީ ގޮތުން ރާއްޖެ ތަރައްގީކުރުމާއި، ވިޔަފާރިއާއި، ސަރަހައްދީ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި، މިކަންކަމުގެ ނަތީޖާއަށް ވާސިލުވުމަށްޓަކައި ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި ވެވުނު އެއްބަސްވުންތަކާއި، މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގެ ސަބަބުން ވެސް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ދެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މަގާމު ލިބިލެއްވުމުން ޖައިޝަންކަރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު އަވަހާރަވުމަކީ އިންޑިއާ އަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއްކަން ފާހަގަ ކުރައްވާ ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޖައިިޝަންކަރު ވަނީ އިންޑިއާ-ރާއްޖެ ގުޅުން ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އަށް އަރުވައިފައެވެ.