ސްރީލަންކާ ސަރުކާރުގެ އަގު ވައްޓާލަމުންދާ ކަމަށް ބުނެ ބައެއް ވެބްސައިޓްތައް ރަޖިސްޓްރީ ކުރުމަށް އެގައުމުގެ ސަރުކާރުން އަންގައިފި އެވެ.

ސްރީލަންކާގެ އޮންލައިން ނޫހެއް ކަމަށްވާ ޔޫޕީއައި ޑޮޓްކޮމް އިން ބުނީ މިނިސްޓްރީ އޮފް މާސް މީޑިޔާގައި ރަޖިސްޓްރީ ކުރުމަށް އެ ގައުމުގެ ބައެއް ވެބްސައިޓްތަކަށް އަންގާފައި ވަނީ ބައެއް އިސް ބޭފުޅުންގެ އަބުރު ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމުގެ ޝަކުވާ އެމިނިސްޓްރީ އަށް ލިބިގެން ކަމަށެވެ.

ސްރީލަންކާ ސަރުކާރުގެ މި އަމުރު އައިސްފައި މި ވަނީ އެ ގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ ލަންކާ އީ ނިއުސް ބްލޮކް ކުރުމުން އެމެރިކާ އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ސްރީލަންކާ ސަރުކާރުން ބުނެފައި ވަނީ ބައެއް ވެބްސައިޓްތަކުން އަމާޒުކޮށްފައި ވަނީ އެ ގައުމުގެ ރައީސް މަހިންދަ ރާޖަ ޕަކްޝާއާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށް ކަމަށެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ވެބްސައިޓުން މި މަހުގެ ފުރަތަމަ ދުވަހު ބުނެފައި ވަނީ ލަންކާ އީ ނިއުސް ވެބްސައިޓް ބްލޮކްކޮށްފައި ވާތީ ކަންބޮޑުވާ ކަމަށެވެ. އެމެރިކާ އެމްބަސީގެ ބަޔާނުގައި ބުނެފައި ވަނީ މިނިވަން މީޑިޔާ އަކީ ޑިމޮކްރަސީގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި ސްރީލަންކާގައި ހިންގާ މަދުވެގެން ހަ ވެބްސައިޓެއް އެ ގައުމުގެ ސަރުކާރުން ވަނީ ބްލޮކްކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެއް ވެބްސައިޓަކީ އެގައުމުގެ ސަރުކާރާ ދެކޮޅު ޔުނައިޓެޑް ނެޝަނަލް ޕާޓީން ހިންގާ ވެބްސައިޓެއް ކަމަށް ވެސް ބީބީސީން ބުނެފައިވެ އެވެ.

ސްރީލަންކާ ސަރުކާރުން މިނިވަން މީޑިއާ އަށް ހުރަސް އަޅަމުންދާ އިރު ސާކުގެ އެއްވެސް ގައުމަކުން އެ މައްސަލަ އަދި ފާހަގަކޮށްފައެއް ނުވެ އެވެ. ދިވެހި ސަރުކާރުން ވެސް އަންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ސްރީލަންކާގެ މަހިންދަ ރާޖަ ޕަކްޝާގެ ސަރުކާރަށް ތާއީދުކުރަމުންކަން ފާހަގަ ކުރެވެ އެވެ.