08 Nov 2011, 15:49
ފަލްސަތީނު ޔުނެސްކޯގެ މެމްބަރަކަށް ވުމަށް ނެގިވޯޓުގައި ރާއްޖެ އިން ބައިވެރިނުވެ ވޯޓުދީފައިނުވާ މައްސަލާގައި ރައީސް ނަޝީދާއި، އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެ ދެ ބޭފުޅުން އިސްތިއުފާ ދިނުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕިއެމްގެ ޕާލިމެންޓް ގުރޫޕްގެ މެމްބަރު އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ އެ މައްސަލާގައި މިނިސްޓަރުގެ ވާހަކަ އާއި ރައީސްގެ ވާހަކަފުޅު ދިމާވެފައި ނުވުމަކީ މި ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ވެސް އެއް ބޭފުޅަކު އިތުރުފުޅު ހައްދަވާފައިވާތީ ކަމަށެވެ.
"މިރާއްޖޭގައި ހިނގަނީ ޑިމޮކްރެޓިކް ވެރިކަމެއް ނަމަ ރައީސް ނަޝީދާއި އެޑިޔުކޭޝަން މިނިސްޓަރު ޝިފާ އިސްތިއުފާ ދެއްވަން ޖެހޭނެ. ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި މިބާވަތުގެ ކަންކަމުގައި އެބަހުރި މިބާވަތުގެ ކަންކަމުގައި ޒިންމަވާ އިސް ބޭފުޅުން އިސްތިއުފާ ދެއްވާފައި،"އަޒީ ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ގާޑިޔަން ނިއުސްގައި ފަލަސްތީނު މެމްބަރަކަށް ވުމަށް ނެގި ވޯޓުގައި ރާއްޖޭގެ ނަން ފާހަގަކޮށްފައި ވަނީ ޔުނެސްކޯ އަށް ޗަންދާ ނުދެއްކިގެން ވޯޓުނުލެވުނު ގައުމުތައް ވެސް އޮތް ލިސްޓުގައި ކަމަށާއި، އެލިސްޓުގައި ރާއްޖޭގައި ނަން އޮތުމަކީ ސަރުކާރުން ވަރަށް ބޮޑަށް ލަދުގަންނަން ޖެހޭ ކަމެއްކަމުގައި އޭނާ ވިދާޅުވި އެވެ.
"ނޮވެމްބަރު 1ވަނަ ދުވަހު އިނގިރޭސި ގާޑިއަން ނޫހުގައި ޖަހާފައި އޮތީ ޔުނެސްކޯގެވޯޓު ނުދިނީ ދެވައްތަރެއްގެ ބައެއްކަމަށް. އެއީ ވޯޓް ގައި ބައިވެރިވާން ބޭނުންނުވާ ބަޔަކާއި ޔުނެސްކޯއަށް ދައްކަން ޖެހޭ ޗަންދާ ނުދެއްކުމުގެ ސަބަބުން ވޯޓު ދިނުމުގެ ހައްގު ނުލިބުނު ބަޔަކުކަމުގައި. ޗަންދާ ނުދެއްކިގެން ރާއްޖެއަށް ވޯޓުގައި ބައިވެރި ނުވެވުނު ނަމަ އެއީ ސަރުކާރުން ވަރަށް ލަދުގަންނަން ޖެހޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފަލަސްތީނަށް ޔުނެސްކޯގެ މެމްބަރުކަން ދިނުމަށް ނެގިވޯޓުގައި އެޑިޔުކޭޝަން މިނިސްޓަރަށް ބައިވެރި ނުވެވުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް މިނިސްޓަރު ވަޑައިގަތުމަށް އަންގާފައި އޮތުމުން މާލެ ވަޑައިގަތީކަމުގައި ވިދާޅުވެފައި ވަނިކޮށް، ރައީސް ނަޝިދު މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ވޯޓުލާންވީ ދުވަހުގައި އެތަނުގެ ޖަލްސާގައި ބައިވެރިވާންވީ ގަޑިތަކާއި، އެބާވަތުގެ އޮޅުންތަކެއް އަރައިގެން މިނިސްޓަރަށް ބައިވެރިވެ ވަޑައި ނުގެންނެވުނީކަމުގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި ޔުނެސްކޯގެ ކަންކަން ބަލަހައްޓަވާ ޖަމީލާ އަލީ އިއްޔެ ވިދާޅުވީ ރާއްޖެ އިން ޔުނެސްކޯގެ ޗަންދާ ނުދައްކާ ކަމަށް ބައެއް ފަރާތްތަކުން އެ ބުނަނީ ހަގީގަތާ ހިލާފަށް ކަމަށާއި ޔުނެސްކޯގެ ޗަންދާ ދައްކަވާފައިވާ ކަމަށެވެ.
ޔުނެސްކޯގައި ނެގި ވޯޓުގައި ފަލަސްތީނު ބަލައިގަތުމަށް 107 ގައުމުން ވޯޓު ދީފައިވާ އިރު އެކަމާ ދެކޮޅަށް ވޯޓު ދީފައި ވަނީ 14 ގައުމަކުންނެވެ.