އާމްދަނީ ހޯދުމަށް ރޭލު ސްޓޭޝަންތަކުގައި ލަވަކިޔަނިކޮށް މީހަކަށް ފެނި ރިކޯޑުކުރި ވީޑިއޯއަކުން މަޝްހޫރުވި ރާނޫ މޮންޑާލްގެ ވާހަކަ ގިނަ ބަޔަކަށް އެނގޭނެ އެވެ. ރާނޫ ދަތި ހާލެއްގައި ރޭލު ސްޓޭޝަންގައި ލަވަކިޔަން އުޅުމުގެ ފަހަތުގައި އާއިލާގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކަން ފެށީ އެހާ ހިސާބުންނެވެ. ނަމަވެސް ކަންތައް ވެފައިވަނީ އެހެން ނޫން ކަމަށް ރާނޫގެ އަންހެން ދަރިފުޅު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެން ފެށީ ރާނޫ މަޝްހޫރުވުމާއެކު އޭނާގެ އަންހެން ދަރި އޭނާ ހޯދަން އައި ކަމަށެވެ. ނަމަވެސް އިންޑިއާގެ ނޫހެއް ކަމަށްވާ "އިންޑިއާ ޓައިމްސް"އަށް ދިން އިންޓަވިއުއެއްގައި ރާނޫގެ އަންހެން ދަރިފުޅު އެލިޒަބެތު ސާތީ ރޯއި ބުނީ އޭނާގެ މަންމަ ރޭލު ސްޓޭޝަންގައި ލަވަކިޔަން އުޅުނު ކަން އޭނާއަށް އެނފައި ނުވާ ކަމަށެވެ.

"މަންމަ ކައިރިއަށް އަހަރެންނަކަށް އަބަދަކު ނުއެއް ދެވޭ. އެހެންވެ މަންމަ ލަވަކިޔަން އުޅުނީ ރޭލު ސްޓޭޝަނެއްގައި ކަމެއް ނޭނގެ،" އޭނާ ބުންޏެވެ.

ސާތީ ބުނީ އޭނާ އުޅެނީ ބިރްބަމް ޑިސްޓްރިކްޓްގެ ސޫރީ ނަމަކަށް ކިޔާ އަވަށެއްގައި ކަމަށެވެ. އޭނާއަކީ ވަރިވެފައި ހުރި އަންހެނެއް ކަމަށާއި ފިރިހެން ދަރިއެއް ހުންނަ ކަމަށް އޭނާ ބުންޏެވެ.

ކުޑަ ފިހާރައެއް ހުޅުވައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރާ ކަމަށާއި ވީ ވަރަކުން މަންމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ސާތީ ބުންޏެވެ.

"ކޮންމެ މަހަކުވެސް މަންމައަށް 500 ރުޕީސް ފޮނުވައިދެވޭތޯ އަހަރެން ބަލަން. އަހަރެމެންނާއެކު ދިރިއުޅެން އަންނަންވެސް އެތައް ފަހަރަކު ބުނިން،" އޭނާ ބުންޏެވެ.

ސާތީގެ އިތުރުން ރާނޫގެ އިތުރު ތިން ފިރިހެން ދަރީން ތިބެއެވެ. އެއިން އެއްވެސް ފަރާތެއް ރާނޫ ބެލުމުގައި އެހީތެރިކަން ދީފައި ނުވާ ކަމަށްވެސް ސާތީ ފާހަގަކުރި އެވެ.