04 Sep 2019, 10:42
މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާ ގޭދޮށު މަސް ފެކްޓްރީތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން 55 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމަށް ހަދަން ލާޒިމުކޮށް މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން އިސްލާހުކޮށްފި އެވެ.
މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅި އިރު ގޭ ދޮށު މަސްފެކްޓްރީގެ ވާހަކަ ބިލުގައި ހިމަނާފައިވީ ނަމަވެސް މާބޮޑު ތަފްސީލަކަށް ގޮސްފައެއް ނުވެ އެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެ ބިލު ވަނީ ވަރަށް ބޮޑަށް ތަފްސީލުކޮށްފަ އެވެ.
ބިލުގައި ބުނެފައިވާގޮތުން ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް ހުއްދަ ދޫކުރެވޭނީ ހަމައެކަނި މީހުން ދިރިއުޅޭ ރަށްރަށުގައި އެފަދަ ފެކްޓްރީތައް ގާއިމް ކުރުމަށެވެ. މަސްފެކްޓްރީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި އިންޑަސްޓްރިއަލް ފެންވަރުގައި މަސް ޕްރޮސެސްކުރާ ތަންތަން ގާއިމް ކުރެވޭނެ ކަމަށް މަސްވެރިކަމުގެ ބިލުގައި ބުނެފައިވެ އެވެ.
ގޭދޮށު މަސްފެކްޓްރީ ހަދަން ހުއްދަ ދޫކުރެވޭނީ ގިންތި ކުރެވިގެން ކަަމަށް މަސްވެރިކަމުގެ ބިލުގައި ބުނެފައިވެ އެވެ.
މަސްފެކްޓްރީ ގިންތި ކުރެވޭ ގޮތް
- ދުވާލަކު ފަސް ޓަނަށްވުރެ މަދުން މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި
- ދުވާލަކު ފަސް ޓަނާއި 10 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި
- ދުވާލަކު 10 ޓަނަށްވުރެ ގިނަ އަދަދަކަށް މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި
ގިންތިއަށް ބަލައި ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރަން ހުއްދަ ދޫކުރާއިރު ބަލަންޖެހޭ އެހެން ކަންކަންވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން އެ ފެކްޓްރީއަކަށް ބޭނުންކުރާނެ ހަކަތައިގެ މިންވަރާއި އެ ފްކްޓްރީއަކުން ބޭނުންކުރާނެ ފެނުގެ މިންވަރު އަދި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި ފެކްޓްރީގެ ކެޕިޓަލް ހަރަދު ރިކަރަންޓް ހަރަދަށްވެސް ބަލަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް ބޭނުންވާނެ ބިން ރަށު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެރަށެއްގެ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުން ދޫކުރަން ވާނެ ކަމަށް މަސްވެރިކަމުގެ ބިލުގައި ވަނީ ބުނެފަ އެވެ. މަސްފެކްޓްރީތަކުގެ ސާފު ތާހިރުކަން ބަހައްޓަންޖެހޭ މިންވަރު ކަނޑައަޅައި ސާފުތާއިރުތޯ ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ.
މަސްފެކްޓްރީތަކުން އުފައްދާ ބާވަތްތައް ވިއްކޭނީ އަދި އިކޮނޮމިކް މިނިސްޓްރީއިން ވަކި ހުއްދައެއް ހޯދުމަށް ފަހު އެވެ.
މަސްވެރިކަމުގެ ބިލު އިގްތިސާދީ ކޮމިޓީއިން ދިރާސާކޮށް ނިންމައި މިހާރު ވަނީ ތަޅުމަށް ފޮނުވާފަ އެވެ.