08 Nov 2011, 15:45
އިނގިރޭސި ގައުމީ ޓީމު ސްކޮޑަށް އެރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މިކާ ރިޗާޑްސް ވަޢުދު ވެއްޖެ އެވެ. އިނގިރޭސި ސްކޮޑަށް ރިޗާޑްސް ނުނެގުމުން ކިޔުޕީއާރު ގެ މިޑްފީލްޑަރު އަދި ކުރީގެ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޖޯއީ ބާޓަން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މިމަހު 12 އަދި 15 ވަނަ ދުވަހު ސްޕެއިން އާއި ސްވިޑަން އާއި ދެކޮޅަށް ކުޅޭ މެޗަށް ނެގި އިނގިރޭސި ސްކޮޑުގެ ކަނާތު ޑިފެންޑަރުންގެ ގޮތުގައި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ފަބިއޯ ކަޕެއްލޯ ހިމަނާފައި ވަނީ ގްލެން ޖޯންސަން އާއި، ފިލް ޖޯންސް ގެ އިތުރުން ކައިލް ވޯކާ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ކްރިސް ސްމޯލިންގް އަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ ވެސް ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.
ކޯޗް ކަޕެއްލޯ އިޢުލާން ކުރި ސްކޮޑަށް އެންމެ ބޮޑަށް ފާޑު ކިޔާފައި ވަނީ ކިޔުޕީއާރު މިޑްފީލްޑަރު ބާޓަން އެވެ. ބާޓަން ގެ ކުރީގެ ދެކުލަބު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ނިއުކާސަލްގެ ބައެއް ކުޅުންތެރިން ސްކޮޑުގައި ހިމެނެން ޖެހޭނެ ކަމަށް ބާޓަން ގަބޫލު ކުރެއެވެ.
"އަހަރެންނަކަށް ނޭނގޭ ސްކޮޑު އިޢުލާން ކުރީ ކިހިނެތް ބަލާފަ ކަމެއް. ނިއުކާސަލްގެ ކުޅުންތެރިއެއް ނެތް. އަދި ރިޗާޑްސް އެއްވެސް ނުނަގާ. ހަމަ ޔަގީނުން ވެސް ރިޗާޑްސް ސްކޮޑުގައި ހިމެނެން ޖެހޭނެ. ލީގުގެ އެންމެ ކުރީގައި މެންސިޓީ އެއޮތީ ފަސްޕޮއިންޓުގެ ލީޑެއްގައި. މެންޔުނައިޓެޑް އާއި ދެކޮޅަށް ކުޅެ މެންސިޓީ ތަފާތު ބޮޑުކޮށް މޮޅުވި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ކެޕްޓަން ރިޗާޑްސް ނުހިމެނުމުން ސުވާލު އުފެދޭ." ބާޓަން ބުންޏެވެ.
ކޯޗު ކަޕެއްލޯގެ ކޯޗު ކަމުގެ ދަށުން އިނގިރޭސީ ޓީމުން ރިޗާޑްސް ފެނިފައިވަނީ އެންމެ ފަހަރަކު އެވެ. މިސީޒަން ފެށުނީއްސުރެ މޮޅު ކުޅުމެއް ދައްކާ ރިޗާޑްސް، ސްކޮޑުގައި ނުހިމެނުނަސް އޭނާގެ ކުޅުމަށް ބަދަލެއް ނާންނާނެ ކަމަށާއި ސްކޮޑަށް އެރުމަށް ބުރަ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވަޢުދު ވެއެވެ.
"އަހަރެން ރަނގަޅު ކުޅުމެއް އެބަ ދައްކަން. މިއީ އަހަރެންގެ ކުޅުން އެންމެ ރަގަޅަށް ދެއްކުނު އެއް ސީޒަން. ކަޕެއްލޯ އަހަރެންނަށް ފުރުސަތެއް ދީފިނަމަ އެފުރުސަތެއް ބަލައި ގަންނާނަން. ކަޕެއްލޯ ގެ ކޯޗު ކަމުގެ ދަށުގައި ކުޅެލާނެ ފުރުސަތެއް ނުލިބުމުން އަހަރެންގެ ކުޅުމެއް ކޯޗަކަށް އެންމެ ފުރިހަމަ ގޮތުގައި ދެއްކިފައެއް ނުވޭ." ރިޗާޑްސް ބުންޏެވެ.