03 Sep 2019, 16:56
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއެރުވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރަމުންދާ ކާމިޔާބު މަސައްކަތަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މަރުހަބާ ކިޔައިފިއެވެ.
މިދިޔަ ހަފްތާގައި އެމްއެމްޕީއާރުސީ އިން ބުނީ ފާއިތުވި ފަސް އަހަރަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ކާމިޔާބު ހަ މަސްކަމަށެވެ.
އެކަމަށް މަރުހަބާކިޔައި މަޓާޓޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ ރާއްޖޭގެ ފަތުރުވެރިކަން 19 ޕަސެންޓް ކުރިއަރާފައިވާ ކަމަށެވެ. މި ކާމިޔާބާއެކު ސަރުކާރަށާއި އެމްއެމްޕީއާރުސީ އަށް އަދި ޓޫރިޒަމް މިނިސްޓްރީ އަށް މަޓާޓޯ އިން މަރުހަބާކިޔާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފަތުުރުވެރިކަން އިޝްރިހާރު ކުރުމަށް ސަރުކާރާއެކު މަޓާޓޯ އިންވެސް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ ޑެސްޓިނޭޝަން މާކެޓިންގައި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށާއި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް މިއއަހަރު ކަނޑައަޅާފައިވާ ބަޖެޓާޢެކު އެކަމުގެ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށެވެ.
ޓޫރިޒަމް އިޝްތިހާރު ކުރުމަށް އަންނަ އަހަރު ކަނޑައާޅާ ބަޖެޓަކީ މިއަހަރަށްވުރެ ބޮޑު ބަޖެޓަކަށް ވާންޖެހޭ ކަމަށާއި ފަތުުރުވެރިކަމުގެ ދާއިރާއަށް ނެރޭ އާ އެނދުތަކާއެކު ރާއްޖެ އިތުރަށް މާކެޓު ކުރަން ޖެހޭކަމަށް މަޓާޓޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މަޓާޓޯގެ މެންބަރުންނަށް އިތުރު ފުރުސަތުތައްދީ، ޓްރެއިނިން ޕްރޮގްރާމްތައް ހިންގާނެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެ ޖަމްއިއްޔާ އިން މަސައްކަތްކުރާނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި ގުޅިގެން ރާއްޖޭގެ މަގުބޫލުކަން ބޭރުގެ ފަތުރުވެރިންގެ މެދުގައި އިތުރުކުރުމަށް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށް ކަމަށް މަޓާޓޯގެ ބަޔާނުގައި ބުންޏެވެ.