03 Sep 2019, 23:11
އައިޖީއެމްއެޗްގައި ކުރިން ހިދުމަތް ކުރެއްވި ސާޖަން ޑރ. އަބްދުﷲ އުބައިދު އަނެއްކާވެސް އެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވަން ފައްޓަވައިފިއެވެ.
ޑރ. އުބައިދުއަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ލެޕްރޮސްކޯޕިކް ސާޖަނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ މީގެ ކުރިން އައިޖީއެމްއެޗްގައި 15 އަހަރު ވަނީ މަސައްކަތްވެސް ކުރައްވައިފައެވެ.
އައިޖީއެމްއެޗުގެ ހިދުމަތަށް އަލުން ނިކުމެވަޑައިގަތުމުގެ ކުރިން އޭނާ ހިދުމަތް ކުރައްވަމުން ގެންދެވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ.
އުބައިދު "ސަން" އަށް މިއަދު ވިދާޅުވީ އޭނާ އައިޖީއެމްއެޗްއާ ގުޅިވަޑައިގަތީ މި ހަފްތާގއ ތެރޭގައި ކަމަށެވެ. އަދި އައިޖީއެމްއެޗްއާ އަލުން ގުޅިވަޑައިގަތީ އެ ހޮސްޕިޓަލުން އަތް ފޯރާ ފަށުގައި ހިދުމަތްތައް ލިބޭނެތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ބޭނުންވޭ އައިޖީއެމްއެޗްގެ ސާޖަރީގެ ހިދުމަތްތައްވެސް ރަނގަޅުކުރަން. އައިޖީއެމްއެޗަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ހޮސްޕިޓަލް ދެއްތޯ،" އުބައިދު ވިދާޅުވިއެވެ.
އުބައިދު ވަނީ މިހާތަނަށް 3000 އަށް ވުރެ ގިނަ ސާޖަރީތައް ހައްދަވައިފައެވެ. ސާޖަރީ ހެދުމުގައި އޭނާ ވަނީ 15 އަހަރަށްވުރެ ގިނަ އަހަރުވެސް ހޭދަ ކުރައްވައިފައެވެ.
އުބައިދުއަކީ މޯލްޑިވްސް އެސޯސިއޭޝަންއޮފް ސާޖަންސްގެ ފައުންޑާވެސް މެއެވެ.