03 Sep 2019, 14:29
ރާއްޖެއާ އިންޑިއާއިން ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭ މުއާހަދާގައި މިއަދު ސޮއިކޮށްފި އެވެ.
"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް"ގެ ނަމުގައި އެކުލަވަލާފައިވާ މުއާހަދާގައި ސޮއިކޮށްފައި ވަނީ މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ފަރާތުން މުއާހަދާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އިންޑިއާ އިން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިއަދު ރާއްޖެ ވަޑައިގަތް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރިމާނިއަމް ޖައިޝަންކަރެވެ.
މިއީ ރާއްޖެއިން އެހެން ގައުމަކާއެކު މިފަދަ މުއާހަދާއެއްގައި ސޮއި ކުރި ފުރަތަމަ ފަހަރެވެ. މުއާހަދާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ.
އިންޑިއާއާ އެކު ރާއްޖެއިން ސޮއި ކުރާ މުއާހަދާގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީއާއި ގާނޫނީ ނިޒާމުގެ ތެރެއިން ލިބިދީފައިވާ ހައްގެއް ނުގެއްލޭނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ދީފައެވެ.
އިންޑިއާ ރާއްޖެ މުއާހަދާ ކުރުކޮށް
ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުން.
- ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުން.
ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުން. - އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އެތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މަސައްކަތްތަކުގައި އެހީތެރިވުން.
- މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން.
- މައްސަލަތަކުގައި ހިނގާ ހަރަދުތައް ކުރަން ޖެހޭނީ، އެ ހުށަހެޅުމެއް ހުށަހަޅާ ގައުމަކުން.
- މައްސަލައާ ގުޅޭގޮތުން ހޯދަން ޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީޙުންނާ ސުވާލުކުރުމުގެ ފުރުސަތު ފުޅާވުން.
މުއާހަދާގައިވާ ވާގޮތުން އޭގައި ކަަންތައްތަކަށް އަމަލުކުރަން ޖެހެނީ ދެ ގައުމުގެވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.