03 Sep 2019, 14:08
ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގެ ކޮޕީ ކަމާނުބެހޭ ފަރާތްތަކެއްގެ އަތްމައްޗަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަރު ކޮމިޝަނުން އިއްޔެ ވަނީ ރިލްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފައެވެ. އަދި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕާލަމެޓްރީ ގްރޫޕުތަކުގެ ލީޑަރުންނަށް އޭގެ ކޮޕީއެއް އަރުވައިފައެވެ.
މަޖިލީހުގެ ރައީސަށް ކޮމިޝަނުން އަރުވާފައި ވަނީ މައްސަލައިގެ ތަފްސީލީ ރިޕޯޓެވެ. އެ ރިޕޯޓުގައި މައްސަލައިގައި ހެކިބަސް ދިން ސިއްރު ހެކިވެރިންގެ ނަމާއި، އެޑްރެސް ފަދަ ތަފްސީލުތައް ހުއްޓެވެ. އަދި އެއީ ސިއްރު މައުލޫމާތު ކަމަށް ރިޕޯޓުގައި ވެސް ވަނީ ބަޔާންކޮށްފައެވެ.
އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލުވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައި ވަނިކޮށް، ކަމާއި ނުބެހޭ ފަަރާތެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
އަދި ގައުމީ ބޮޑު މައްސަލައެއްގައި ހުރިހާ ޕާޓީއެއްގެ ވެރިންނަށް އެކަން އެނގުމަކީ މައްސަލައެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި އަލީ ހުސައިން ވިދާޅުވީ އެކަން ސިއްރު ކުރުމަށް ކޮމިޝަނުން އެދިފައި ވަނިކޮށް ހާމަކުރުން ރަނގަޅު ނޫން ކަމަށެވެ.
ޕީޖީ ލީޑަރުންނަށް ދިން ރިޕޯޓު މިހާރު ވަނީ އަނބުރާ ހަވާލުކޮށްފައެވެ. އަދި މައްސަލައިގެ ހުލާސާ ރިޕޯޓެއް މިހާރު ވަނީ މެމްބަރުންނަށް ދީފައެވެ. މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 7، 2014 ގައެވެ. އޭނާ ގެއްލުނުތާ ފަސް އަހަރުވީއިރު، މިދިޔަ އާދީއްތަ ދުވަހު ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައާ ގުޅޭގޮތުން އާންމުންނަށް ކުރިން ނޭނގޭ ވާހަކަތަކެއް ހާމަކޮށްފައެވެ.