ލަންޑަން (ސެޕްޓެމްބަރު 3) : އިނގިރޭސިވިލާތުގައި އަވަސް އިންތިޚާބެއް ބާއްވަން ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ ބްރެކްސިޓްގެ ކަންތައް ނިންމަންކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް "ޓެން ޑައުނިންގް ސްޓްރީޓް"ގެ ކުރިމަތީގައި ހުންނަވައިގެން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޖޯންސަން ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުން ވަކިވުން (ބްރެކްސިޓް)ގެ ކަންތައް ފަސްކުރަން ހައުސް އޮފް ކޮމަންސްގައި ވޯޓު ނުދިނުމަށް ހައުސްގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށާއި ބްރެކްސިޓްގެ ކަންތައް ފަސްކުރަން ގަރާރެއް ފާސްނުކޮށްފި ނަމަ އެކަމުގެ ސަބަބުން އިނގިރޭސިވިލާތަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެންދާނެ ކަމުގަ އެވެ.

މީގެ އިތުރުން ބްރެކްސިޓްގެ ކަންތަކުގައި ޔޫރަޕްގެ އިއްތިޙާދާ އެކު އަލުން މަޝްވަރާއަކަށް ދިޔުމުގެ ފުރްސަތު ބޮޑުވަމުންދާ ކަމަށް ވެސް ޖޯންސަން ވިދާޅުވި އެވެ. ބޭނުން ވަނީ ބްރެކްސިޓްގެ މައްސަލާގައި ރައްޔިތުން ނިންމާފައިވާ ގޮތަށް އަމަލުކުރަން ކަމަށާއި އިންތިޚާބުގެ މުއްދަތު ނުޖެހެނީސް ބްރެކްސިޓްގެ މައްސަލައާ ގުޅިގެން އަވަސް އިންތިޚާބެއް ބާއްވަން ބޭނުން ނުވާ ކަމަށް ޖޯންސަން ވިދާޅުވި އެވެ.

ޖޯންސަން މިހެން ވިދާޅުވީ އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އޭނާ ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށްވިދާޅުވެ، އިނގިރޭސި އިދިކޮޅު ލީޑަރު ޖެރިމީ ކޯބިން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ކޯބިން ވިދާޅުވީ އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ކުރިޔަށް ގެންދަން ޖޯންސަން މަސައްކަތްކުރައްވާ މައްސަލާގައި ހައުސް އޮފް ކޮމަންސްގެ ކުއްލި ޖަލްސާއެއް އަންނަ ހަފްތާގައި ބޭއްވުމަށް ގޮވާލާނެ ކަމުގަ އެވެ.

އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ޖޯންސަންގެ ސަރުކާރުން ކުރާ މަސައްކަތް ހައުސް އޮފް ކޮމަންސްގެ ތެރެއިން ހުއްޓުވާނެ ކަމުގެ އިންޒާރު ހައުސްގައި ހިމެނޭ އިދިކޮޅު ލޭބާ ޕާޓީގެ އިތުރުން އިދިކޮޅު އެހެން ޕާޓީތަކުން ވެސް ވަނީ ދީފަ އެވެ. މިގޮތުން ގަރާރެއް ފާސްކޮށްގެން ނޫނީ އަވަސް އިންތިޚާބެއް ބައްވައިގެން ނަމަވެސް އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ޖޯންސަން ކުރައްވާ މަސަކަތާ ދެކޮޅަށް އިނގިރޭސި އިދިކޮޅު ހުރިހާ ޕާޓީތަކެއް ވަނީ އެއްގަލަކަށް އަރައިފަ އެވެ.

ބްރެކްސިޓްގެ ކަންތައް ނިންމުމުގެ އެންމެ ފަހުގެ ތާރީޚަކީ 31 އޮކްޓޯބަރެވެ. އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ނިންމައިފި ނަމަ އިނގިރޭސިވިލާތުގައި އިންތިހާއަށް ތަކެތީގެ އަގުތައް ބޮޑުވެ އާސާސީ ބައެއް ތަކެތި ލިބުންދަތިވެ އިގްތިސާދީ ބޮޑު އަޑިގަނޑަކަށް އިނގިރޭސި ދައުލަތް ވެއްޓިގެން ދިޔުމުގެ ފުރްސަތު ބޮޑުކަމަށް ބްރެކްސިޓާ އިދިކޮޅު ފަރާތްތަކުންނާ އަދި އިގްތިސާދީ ބައެއް މާހިރުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)