ގާނޫނީ ގޮތުން ތަހުގީގީ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދީގެން ވެސް ރާއްޖޭގައި އުފެދިފައިވާ "އަނދިރި ދައުލަތްތައް" ނައްތާލަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ތައްޔާރު ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް ގެންގޮސް ކަރުބުރިކޮށްލައި ކަނޑު ފެއްތި ކަމަށް އެމައްސަލަ ތަހުގީގު ކުރި މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެކަން ކޮށްފައި ވަނީ އަލްގައިދާއާ ގުޅުން ހުރި ދިވެހިން ކަމަށް ވެސް ބުނެފައިވެ އެވެ.

ރިލްވާން މައްސަލައިގެ ތަހުގީގު ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ މައްސަލާގައި ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ އަނދިރި ޖަމާއަތްތަކުން ހިންގާ ޓެރަރިޒަމްގެ އަމަލު ހުއްޓުވަން މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.

"މި ނެޓްވޯކް ހުއްޓުވޭނީ ގާނޫނު އިސްލާކުކޮށްގެން ދޭން ޖެހޭ ހާއްސަ ބާރުތަކެއް ތަހުގީގީ އިދާރާތަކަށް ދީގެން ކަމުގައިވީ ނަމަ އަޅުގަނޑު ހުށަަހަޅަން ގާނޫނުތަކަށް އެ އިސްލާހު ގެނެސްގެން ނަމަވެސް އެބާރުތައް ދީގެން މި ޖަރީމާތައް މި ފަސްގަނޑުން ހުއްޓުވޭނެ ގޮތަކަށް މި ނިޒާމު ބައްޓަން ކުރަން." ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެ އަނދިރި ޖަމާއަތާ ގުޅިފައިވާ ފުލުހުންނާއި ދައުލަތުގެ އިސްވެރިންނާއި ކޯޓުތަކުގެ ގާޒީން ތިބިކަން މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުން ސާފުކޮށް އެނގޭ ކަމަށެވެ. ރޭވުންތެރިކަމާ އެކު ހިންގާ އެ އަނދިރި ދައުލަތް ހުއްޓުވަން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެކަމަކީ ރައްޔިތުންނަށް ދިމާވެފައި އޮތް ބިރުވެރި ކަމެއް ކަމަށެވެ.

ހިސާން ވިދާޅުވީ "ލާދީނީ، މުރުތައްދު، ދީނުން ބޭރުވެފައި" މި ޓެގުތައް މީހުންގެ ބޮލުގައި އަޅުވައިގެން ލޭ ހުއްދަ ކުރުމަށް ބަޔަކު މިސްކިއްތަކުގައި މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"މި ޖަރީމާތައް ރާވާ ހިންގަން އަޅުގަނޑުމެންގެ މިސްކިއްތައް ބޭނުން ކުރާއިރު ދައުލަތުގެ މުއައްސަސާތަކުން މިދަނީ އެކަމަށް ހިމާޔަތް ދެމުން މިއީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ހުއްޓުވަން ޖެހޭ ކަމެއް." ހިސާން ވިދާޅުވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އަނދިރި ދައުލަތްތަކުން ހިންގަމުންދާ ޖަރީމާތައް ތަހުގީގު ރިޕޯޓުން އެނގެން އޮތް ކަމަށް ހިސާން ވިދާޅުވި އެވެ. އެ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތް ކަމަށް ހިސާން ވިދާޅުވި އެވެ.

"ނަމަވެސް ހިތާމައަކީ މިއިން އެއްވެސް ކަމަކަށް ފުލުހުންގެ މުއައްސަސާ އިން ސީރިއަސް ފިޔަވަޅުތަކެއް އަޅައި. މިމީސް މީހުންގެ މި ޖަރީމާތައް ހުއްޓުވަން މަސައްކަތް ކޮށްފައި ނެތްކަން." ހިސާން ވިދާޅުވި އެވެ.

ރިލްވާން ހުޅުމާލެއިން ރަހީނުކޮށް ކަނޑުމައްޗަށް ގެންގޮސް މަރާލާފައިވާ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ހާމަކުރީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާން މަރާލި މީހުން ނިސްބަތް ވަނީ އަލްގައިދާ ރާއްޖެ ގޮތްޕަށް ކަމަށެވެ. އަދި ވެސް މިފަދަ އެތައް ގަތުލެއް ހިންގުމުގައި އެ މީހުން އިސްވެ ބައިވެރިވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.