ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހި ދަރިވަރުންނާއެކު ވަގުތު ހޭދަކުރުމުގެ މަގު ފަހިކޮށްދިނުމަށް، ކާފައިންނާއި މާމައިންނަށް ހާއްސަ އިންތިޒާމެއްގެ ދަށުން ވިސާ ހަމަޖައްސައިދެއްވާނެ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަމުން ބޮޑުވަޒީރު ރަނިލް ވިދާޅުވީ ރާއްޖެއާއި ލަންކާ އާދެމެދު އޮތް ޒަމާންވީ ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރަނިލް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމަކާއި ސޯޝަލް ޕްރޮޓެކްޝަން ދިނުމުގެ އެއްބަސްވުމަކާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއާއި ވޮކޭޝަނަލް ދާއިރާއިން އަދި ބޭސްފަރުވާއާއި މަތީ ތައުލީމާ ގުޅުންހުރި އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

އެގޮތުން ލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ކިޑްނީއާއި ހަށިގަނޑުގެ އެހެން ގުނަވަންތައް ބަދަލުކުރުން ނުވަތަ އޯގަން ޓްރާންސްޕްލާންޓްގެ ހިދުމަތް ހަމަޖެހި، ލަންކާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.

"ހަމައެއާއެކު، ދަރިވަރުންނަށް އަށާރަ އަހަރު ފުރެންދެން އެކުދިންގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ގާޑިއަން ވިސާ މިހާރު ލިބޭނެ. އަދި ހާއްސަ އިންތިޒާމެއްގެ ދަށުން، ދަރިވަރުންނާއެކު މަޑުކޮށްލައި ވަގުތު ހޭދަކޮށްލަން މާމައިންނާއި ކާފައިންނަށް ވެސް ވިސާ ފޯރުކޮށްދެވޭނެ،" ރަނިލް ވިދާޅުވިއެވެ.

އޭގެ އިތުރުން އައްޑޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމަށް ވެސް ލަންކާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ލަންކާ ސަރުކާރުގެ އެހީއާއެކު ރާއްޖޭގައި ދެ ސްކޫލެއް އިމާރާތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރަނިލް ދެއްކެވި ވާހަކައިގައި ސަރަހައްދީ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއާއި ލަންކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެގޮތުން ލަންކާއާއި ރާއްޖެއަކީ މިވަގުތު އިންޑިއާ ކަނޑުގައި އުފެދެމުން އަންނަ ސަރަހައްދީ ނުތަނަވަސްކަމުގައި ވަކި އަތަކަށް ނުޖެހޭ ދެ ގައުމު ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖެ މުޅިން އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތްކަމަށާއި، އެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ލަންކާއިން އަބަދުވެސް ރާއްޖެއާއެކު ތިބޭނެކަމުގެ ޔަގީންކަން ރަނިލް ދެއްވިއެވެ.

އެކި ދާއިރާތަކުން ރާއްޖެއާއި ލަންކާ ގުޅުން ބަދަހިކޮށްފައިވީ ނަމަވެސް، މިހާރު ދެ ގައުމުގެ ދެމެދުގައި އެންމެ ބޮޑީ ވިޔަފާރީގެ ގުޅުންކަމަށް ރަނިލް ވިދާޅުވިއެވެ. ރަނިލް ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރީގެ ގުޅުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން މި އަހަރު ލަންކާގައި ދިން ބޮމުގެ ހަމަލާއަށް ފަހު ލަންކާއަކީ ރައްކާތެރި ތަނެއްކަން ދުނިޔެއަށް އަންގައިދިނުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، ސަރުކާރުގެ ބޮޑު ވަފުދެއް ލަންކާއަށް ކުރި ދަތުރަށް ރަނިލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ރަނިލް ވިދާޅުވީ އެއީ އެފަދަ ވަގުތެއްގައި ލަންކާއަށް ލިބުނު ވަރަށް މުހިންމު ހިތްވަރެއް ކަމަށެވެ.