03 Sep 2019, 12:14
މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން 2014 ވަނަ އަހަރު ރަހީނުކޮށް، މަރާލި މައްސަލައިގައި 14 މީހެއްގެ ޕާސްޕޯޓު ފަހައްޓާފައިވާކަން "ސަން" އަށް ކަށަވަރުވެއްޖެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި 14 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މިދިޔަ އާދިއްތަ ދުވަހު ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުން ވަނީ ރިލްވާންގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގުގެ ތަފްސީލީ ވާހަކަތަކެއް ހާމަ ކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅޭ މީހުންގެ ޕާސްްޕޯޓު ހިފަހައްޓާފައިވާކަން ވެސް އެ ކޮމިނަނުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ކޮމިޝަނުން އޭރު ނުބުނެ އެވެ.
އިތުބާރު ހުރި މަސްދަރަކުން "ސަން" ބުނީ، ޕާސްޕޯޓު ހިފެހެއްޓި 14 މީހުންނަކީ، މިވަގުތު ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރާއްޖޭގައި ތިބި އެންމެން ކަމަށެވެ.
ރިލްވާން މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ސީރިޔާގެ ހަނގުރާމައަށް ގޮސް އަދި ބައެއް މީހުން ވަނީ މަރުވެފައެވެ.
ގެއްލިފައިވާ މީހުންނާއި މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިލްވާން ގެއްލުނު ރޭ އޭނާ ކާރަކަށް އަރުވައިގެން ގޮސް ޑިންގީއަކަށް އަރުވައި، އަދި އެއަށްފަހު ކަނޑު އުޅަނދަކަށް އަރުވާފައި އޭނާ މަރާލީކަން އެނގިފައިވާ ކަމަށެވެ. ރިލްވާން މަރާލީ ރާއްޖޭގައި އޮންނަ އަލްގައިދާއަށް ނިސްބަތްވާ ގޮފިން ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ހުލާސާ ރިޕޯޓު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ. މަޖިލީހުން އާންމުކޮށްފައިވާ އެ ރިޕޯޓްގައިވާ ގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައިވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވަނީ، ރިލްވާން މަރާލި ގޮތާމެދު ހެކިންގެ ހެކިބަސް ލިބިފައިވާ ކަމަށެވެ. ނަމެވެސް ތިން ހެއްކެއްގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން ރިލްވާން މަރާލިގޮތް ސީދާ ބުނަން އަދި ނޭނގޭކަމަށް ސުއޫދު ވިދާޅުވިއެވެ. ހެކިވެރިއެއްގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ރިލްވާން މަރާލިކަން ޖިނާއީ މިންގަނޑު ސާބިތުކުރަން އުނދަގޫވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިލްވާން މަރާލި ފަހުން، އޭނާ ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައެއްގައި މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން މަސައްކަތް ކުރި ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ 14 މީހެއްގެ ޕާސްޕޯޓު މިހާރު ހިފެހެއްޓިފައިވާއިރު، ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ މީހަކަށް މީގެ ކުރިން ދައުވާކުރިއެވެ. އެއީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެ ދެމީހުން ދައުވާއިން ސަލާމަތްވިއެވެ.