04 Sep 2019, 08:02
އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ރޭގައި ޕްރިމިއާކޮށްފި އެވެ. އިލްޔާސް ވަހީދު ފުރަތަމަ ފަހަރަށް ލިޔެ ޑައިރެކްޓްކުރި ފިލްމު އެޅުވުމަށް ފަހު މާ ގިނަ އިރުތަކެއް ނުވިނަމަވެސް އެ ފިލްމަށް ދަނީ ބެލުންތެރިންގެ ތަރުހީބު އޮހެމުންނެވެ. ބެލުންތެރިންނަށް ބަވަތި ވަރަށް ކަމުގޮސްފި އެވެ.
އޮލިމްޕަހުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދައްކަންފެށި ފިލްމު ބަވަތި އަކީ ސައިކޮލޯޖިކަލް ތްރިލާއެކެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބެވެ. ނުޒުހަތުގެ އިތުރުން ދެން ލީޑު ރޯލުން ފެނިގެންދާނީ ފިލްމު އިންޑަސްޓްރީއަށް އަލަށް ނިކުންނަށް ފަންނާނެއް ކަމަށްވާ އަހުމަދު އިފްނާޒް ފިރާގެވެ.
ފިލްމު ބެލި ފަރާތްތަކުން ބުނާގޮތުގައި ބަވަތި އަކީ މުޅީން ތަފާތު ފިލްމެކެވެ.
މަޑުމަޑުން ފިލްމުގެ ކުންނަށް ދަތުރުކުރަމުންދިޔަ އިރު ބެލުންތެރިން ތިބީ ސްކްރީނާ ދުރަށް ނަޒަރު ހިންގާލަން ވެސް ނުކެރިފައި ކަމަށް ގިނަ ބަޔަކު ބުންޏެވެ.
ފިލްމު ބެލި ޒުވާނަކު "ސަން" އަށް ކިޔައިދިން ގޮތުގައި ބަވަތި މިއީ ހަމަ ހަގީގަތުގައި ވެސް ތަފާތު ފިލްމެކެވެ.
"އަބަދު ވެސް ކޮންމެ ފިލްމެއް ނެރޭއިރަށް ވެސް ކިޔާނެ މިއީ ތަފާތު ފިލްމެކޭ. އެކަމު މި ފިލްމު ބެލީމަ އެނގޭ އެއީ ތެދެއް ކަން،" އޭނާ ބުންޏެވެ.
ބެލުންތެރިން ބުނާގޮތުގައި ފިލްމު ވަރަށް "ސަޅި" އެވެ. އަދި ދިވެހި ފިލްމު އިންޑަސްޓްރީން ނިކުތް އެންމެ މޮޅު އެއް ފިލްމުގެ ތެރޭގައި ބަވަތި ހިމެނޭނެ ކަމަށް ގިނަ ބެލުންތެރިން ބުނެ އެވެ.
ފިލްމުގައި ނުޒުހަތު ދެއްކި ހުނަރުން އޭނާއަކީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ފަރިތަވާނެ މޮޅު އެކްޓްރެސްއެއް ކަން ހާމަވެއްޖެ ކަމަށް ބެލުންތެރިން އެއްބަސްވެ އެވެ. އަދި އެ ރޯލު ނުޒުހަތު ނޫން އެހެން ފަންނާނަކަށް ނުފެތޭނެ ކަމަށް ބެލުންތެރިން ބުނެ އެވެ.
ފިލްމުގެ ސިނެމެޓޮގްރަފީ އާއި ސްކޯއަށް ވެސް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.