ލިވަޕޫލްގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށް ބުނެ އެކުލަބުގެ ޑިފެންޑަރު ޑެނިއަލް އަގާ، އެހެން ކުޅުންތެރިންނަށް އިންޒާރެއް ދީފި އެވެ. އަގާ ފާހަގަކުރާ ގޮތުގައި ބައެއް ފަހަރު ލިވަޕޫލް ޓީމަކީ ބޯޅަ ފަހަތުން ދުވާ ބޯނެތް ކުކުޅު ތަކެއް ކަމަށެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސްވަންސީ އިން ވަނީ ލިވަޕޫލް ހިފަހައްޓާފަ އެވެ. މިސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު ހަ މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ.

"ބައެއް ފަހަރު އަހަރެމެން ހީވަނީ ބޯނެތް ކުކުޅު ތަކެއް ބޯޅަ ފަހަތުން ދުވާހެން. ނެރެމުން މިދާ ނަތީޖާ ތަކަކީ ރަގަޅު ނަތީޖާ ތަކެއް ނޫން. އެންމެން ވެސް މިކަމާއި ހިތްހަމަ ނުޖެހި ރުޅިއާދޭ. މިއީ ހަގީގަތަކީ." އަގާ ބުންޏެވެ.

ޕްރެމިއާ ލީގުގެ ހަ ވަނާގައި އޮތް ލިވަޕޫލް އިން ޗެމްޕިއަންސް ލީގަށް އެނބުރި ދާން ބޭނުން ނަމަ، އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ވެސް ރަގަޅު ނަތީޖާތަކެއް ނެރެން މަޖުބޫރު ވާނެ އެވެ. ޗެލްސީ އަދި ލީގުގެ އެންމެ ކުރީގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗު ލިވަޕޫލް އަށް ކުރިއަށް އޮތް އިރު، އެޓީމު އަރައިގެނެވޭނެ އެންމެ ރަގަޅު ވަގުތު ކަމަށް އަގާ ދެކެއެވެ.

"އަހަރެމެން މިގޮތަށް ކުޅެމުން ދާނަމަ، ޗެމްޕިއަންސް ލީގަށް ކޮލިފައި އެއް ނުވެވޭނެ. އަހަރެމެންގެ ކުޅުން މިއަށްވުރެ ރަގަޅު ކުރަން އެބަ ޖެހޭ. އަހަރެން ނުބުނާނަން އެކަން ނުވާނެ އެކޭ. އެއީ އަހަރެމެންނަށް ކުރެވޭނެ ކަމެއް. ނަމަވެސް އެކަން އޮތީ ކުޅުންތެރިންގެ އަތްމަތީ. އެބަދަލު ގެނެވޭނީ އަހަރެމެން (ކުޅުންތެރިން) ނަށް." އަގާ ބުންޏެވެ.