ހދ. ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންކަން ނުނިމި ހުރި ދެ ގެއެއްގެ ބަދަލުގެ ގޮތުގައިވާ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޖަމާކޮށްދީފި އެވެ.

އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން އެ ރަށު ކޯޓުން ކަނޑައެޅި ބަދަލާއި މެދު ހިތް ހަމަ ނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ކުޅުދުއްފުށީ ޑޭޒީވިލާގެ އަލީ އިސްމާއިލް އާއި ކުލަވަރުގެ މޫސާ ހަސަންނެވެ. އަދި ހައި ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އެ މައްސަލަ އަލުން ބެލުމަށް ކުޅުދުއްފުށީ ކޯޓަށް އަންގާފަ އެވެ.

އެ މައްސަލައިގެ ހުކުމް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކުޅުދުއްފުށީ ކޯޓުން ކޮށްފައިވާއިރު، ޑޭޒީވިލާގެ ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ ދިނުމަށެވެ. އަދި ކުލަވަރުގެ ބަދަލުގެ ގޮތުގައި 955،120.37 ރުފިޔާ ދިނުމަށެވެ.

ކުޅުދުއްފުށީ ކޯޓުން 'ސަން' އަށް ބުނީ އެ ފައިސާ، ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ދޭން ޖެހޭ ދެ ފަރާތައް އެ ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.