މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ދޯންޏަކަށް އެރުވުމަށްފަހު އޭނާގެ ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައިވާކަމަށް ސިއްރު ހެއްކަކު ބުނެފައިވާކަން، އެ މައްސަލައިގައި މަރުތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުން ހާމަވެއްޖެ އެވެ.

މަޖިލީހުން އާންމުކޮށްފައިވާ ހުލާސާރިޕޯޓްގައިވާ ގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ.

އެ ދޯނީގެ ވެރިޔަކީ އއ އުކުޅަސް، މާވަޑިއާގެ މުހަންމަދު ރާޝިދު ކަމަށާއި ހަމަ އެ ގޭ އަލްގިސް ކިޔާ މީހަކާ ދެމީހުން އެދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށް ހެކިވެރިޔާ ވަނީ މަރުގެ ކޮމިޝަނަށް މައުލޫމާތު ދީފައި ކަމަށް ރިޕޯޓްގައި ބުންޏެވެ.

އުކުޅަހުގައި "ބަޓް ނަގަން" [ހުއިފިލިލަނޑާ] ނަގަން ގެންގުޅުނު މި ދެ ދޯންޏަކީ ވެސް ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯނި ކަމަށާއި، ދޯނި ހަމަޖައްސައިދިނީ އެ ޖަމާއަތުގެ އޮޕަރޭޝަންތަކުގެ އެންމެ އިސްމީހަކަށް ހުންނަ ސ. ފެދޫ ގުރަހާގެ އަގްލީލް (ކިޑޫ) ކަމަށް ވެސް ހެކިވެރިޔާއާ ހަވާލާދީ ރިޕޯޓްގައިވެ އެވެ.

"މި ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލީ އެވެ. ބޯ ބުރިކޮށްލުމަށްފަހު، އެ މީހުން ރިލްވާނުގެ ހަށިގަނޑު ކަނޑު ފެއްތީ އެވެ." ހެކިވެރިޔާ ބުނެފައިވާ ކަމަށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައިވެ އެވެ.

ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނީ މީގެ ފަސް އަހަރު ކުރިން، އެގޮސްޓް 7، 2014 ގައެވެ. އެ ރޭ މުހަންމަދު ސުވައިދު (ސ. ހުޅުދޫ، އަތިޔާގެ) އާއި މުހައްމަދު ހާމިދު، ވަނީ ރިލްވާނަށް ފާރަލާފައި ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ.

އެ ދެމީހުން އެ ރޭ 10 ޖަހާ އެހާކަށްހާ އިރުން ފެށިގެން އެ ރޭ ދަންވަރު އެކެއް ޖެހިއިރު ރިލްވާން މާލެއިން ހުޅުމާލެއަށް ދާން ފެރީއަށް އަރަންދެން ރިލްވާނަށް ފާރަލީ ކަމަށް ވެސް ބުންޏެވެ.

ސިއްރު ހެކިވެރިޔާ ބުނި ކަމަށް ރިޕޯޓްގައި ވަނީ އެމީހުން ރިލްވާނަށް ފާރަލާފައި ވަނީ އާލިފް ރައޫފް އާއި އަޒްލިފް ރައޫފް އާއި، ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް(މުނާއްކޮ) ރާވާއިގެން ކަމަށެވެ.

ރިޕޯޓްގައިވާ ގޮތުގައި ރިލްވާން ދޯންޏަށް އެރުވީ، ރަތް ކާރުގައި ގޮސް ރިލްވާން ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެންގޮސް ޑިންގީއަކަށް އަރުވައިގެން އެ ދޯނި ކައިރިއަށް ގެންގޮސްގެން އެވެ.

ރިލްވާން ކިޑްނެޕް ކުރަން ދިޔައިރު ރަތް ކާރުގައި ތިބީ މުނާއްކޮ އާއި އާލިފް އާއި ޝައްފާފު ކަމަށް ވެސް ރިޕޯޓްގައި ވަނީ ބަޔާންކޮށްފަ އެވެ. މުނާއްކޮ ކާރު ދުއްވަން އިން އިރު، ކުރީގައި ދެން އިނީ އާލިފް އެވެ. ޝައްފާފު އިނީ ފަހަތުގައި ކަމަށްވެ އެވެ.

ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސުވައިދު އާއި ސޮލާހު އަދި ޏ. ފުވައްމުލައް / ދަޑިމަގު، ދަޑޮފީށި، އިސްމާއީލް ޞަބިހް (ޝަބީނިއޯ) ކަމަށް ރިޕޯޓުގައިވެ އެވެ.

ރިލްވާން ހުޅުމާލެއިން ރަހީނުކޮށް ކަނޑުމައްޗަށް ގެންގޮސް މަރާލާފައިވާ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ހާމަކުރީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާން މަރާލި މީހުން ނިސްބަތްވަނީ އަލްގައިދާ ރާއްޖެ ގޮތްޕަށް ކަމަށެވެ. އަދި ވެސް މިފަދަ އެތައް ގަތުލެއް ހިންގުމުގައި އެ މީހުން އިސްވެ ބައިވެރިވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.