03 Sep 2019, 09:08
ކިޔެވުން މެދުކަނޑާލުމަށްފަހު ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ތެރެއަށް ވަތް ފަންނާނުންގެ ތެރޭގައި މަޝްހޫރު އެކްޓްރެސް ޝްރައްދާ ކަޕޫރު ހިމެނޭނެއެވެ. ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ދަތުރާ ގުޅޭގޮތުން ޝްރައްދާ ވަނީ ދާދިފަހުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފައެވެ.
"އޭކް ވިލަން"ގެ ތަރި، ޝްރައްދާ، ފިލްމް އިންޑަސްޓްރީއަށް ވަނުމުގެ ކުރީގައި ދިޔައީ ބޮސްޓަން ޔުނިވާސިޓީން ސައިކޯލޮޖީ ޑިގްރީ ހަދަމުންނެވެ. ނަމަވެސް ޑިގްރީ މެދުކަނޑާލުމަށްފަހު ޝްރައްދާ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ފިލްމު އިންޑަސްޓްރީއަށް ދިޔައެވެ.
"އަސްލު އެންމެ ފުރަތަމަ ޕްލޭން ހުރީ ކިޔަވާ ނިންމާލުމަށްފަހު ފިލްމު ކުޅެން ނިކުންނާނެ ކަމަށް. އެކަމު ހަމަ ކެތް މަދުވީ. ދެން އައި ތަނާ ލިބެން ފަށައިފި ފިލްމުތަކުގެ އޮޑިޝަންގެ ފުރުސަތުތައް. ދެން ހިތަށް އެރީ ކެނޑޭނީއޭ،" ޝްރައްދާ ކިޔައިދިނެވެ.
ނަމަވެސް ޝްރައްދާގެ ފޭނުންނަށް އޭނާ ދިން ނަސޭހަތަކީ އެގޮތަށް ކަންތައް ނުކުރުމަށެވެ. އޭނާ ނަސޭހަތް ދެނީ ފުރަތަމަ ތައުލީމު ހާސިލުކުރުމަށެވެ.
ޝްރައްދާ މިހާރު ދަނީ އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. "ޗިޗޯރޭ" ނަމަކަށް ކިޔާ މި ފިލްމުގައި ޝްރައްދާގެ އިތުރުން ވިދްޔާ ބާލަން އާއި ސުޝާންތު ރާޖްޕުތު ފަދަ ފަންނާނުން ހިމެނޭނެއެވެ. އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގައެވެ.