ށ. ބިލަތްފަހީ ޒުވާނުގެ ޖަމިއްޔާ ހިންގާ އިމާރާތުގެ އޮފީސްބައިގައި ހުރި އިދާރީ ލިޔެކިޔުންތަކާއި ބައެއް އިލެކްޓްރޯނިކްސް ސާމާނުތަކުގައި ރޭ ބަޔަކު އަލިފާން ރޯކޮށްލާފައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ "ވަކި ކަމަށް ޓާގެޓްކޮށްގެން" ބިލަތްފަހީ ޒުވާނުންގެ ޖަމިއްޔާގެ އޮފީހުގައި ބަޔަކު ރޭ އަލިފާން ރޯކޮށްލާފައިވާ ކަން އެނގެން އެބަހުރި ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން ބަޔަކު ހައްޔަރު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަމިއްޔާގެ ރައީސް އަބްދުލް އަޒީޒް ޔޫސުފް މިއަދު ވިދާޅުވީ ޖަމިއްޔާގެ އިދާރީ އޮފީހުގައި ބަޔަކު ގަސްތުގައި ރޯކޮށްފައިވާ ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށެވެ.

އެ ގޮތުން ރޭ ދަންވަރު 3:30 އެހާކަންހާއިރު އޮފީހަށް ވަނުމަށްޓަކާ ޖަމިއްޔާގެ އިދާރީ ބައިގެ ދޮރުގައި ކަޓަރު އަޅައި ތަޅު ހުޅުވާފައިވާކަން އެނގެން އެބަ ހުރި ކަމަށާއި އަދި އޮފީހުގެ ތަކެތީގައި ރޯކޮށްލުމަށް ކަރާސީނު ތެޔޮ ބޭނުންކޮށްފައިވާ ކަން އެނގެން އެބަ ހުރި ކަމަށް އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވި އެވެ. އަދި ކަރާސީނު އެޅި ހުސް ފުޅިތަކާއި ކަރާސީނު އަޅާފައިވާ ބައެއް ފުޅިތަކެއް އެތަނުގެ ތެރެއިން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ލިޔުންތަކެއް އެއްކޮށްފައި ކަރާސީނު އަޅާފައި ރޯކޮށްފައި ވަނީ. އެތަން ރޯކޮށްލި އިރު ދެ ކޮމްޕިއުޓާ ސިސްޓަމާއި ދެ ޕްރިންޓަރާއި ސައުންޓް ސިސްޓަމަކާއި އެހެނިހެން އިލޮކްޓޯރިނިކް ސާމާނުތައް ހިމެނޭނެ."
އޭނާ ވިދާޅުވީ އޮފީހަށް ލިބިފައިވާ ގެއްލުން 100000ރ. އަރާނެ ކަމަށެވެ.

ބިލަތްފަހީ ޒުވާނުންގެ ޖަމިއްޔާގެ އޮފީހުގައި ރޭ އަލިފާން ރޯވުމާ އެކު އެ ރަށުގެ ރައްޔިތުން ނުކުމެ ވަނީ ރޯވި އަލިފާންގަނޑު ނިއްވާލާފަ އެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމެއް މިހާރު ދަނީ ބިލަތްފަހީގައި ހަރަކާތްތެރިވަމުންނެވެ.